އަންނަ ހޯމަ ދުވަހު ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ތާވަލުކޮށްފި އެވެ.
މި މަހުގެ 15 ގައި ބާއްވާ ޖަލްސާއަކީ މިއީ، މެމްބަރުން ޗުއްޓީގައި ތިއްބައި ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ އެވެ.
ޖަލްސާ ތާވަލުކޮށްފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ރައީސުން ކަނޑައެޅުމަށެވެ.
ޖަލްސާ ތާވަލު ކުރުމާއި ގުޅޭގޮތުން ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުން ބުނީ، ދެ މުވައްސަސާއަކަށް ރައީސުން އައްޔަނު ކުރުމުގެ މަސައްކަތާއި އެކު އެހެން ނުނިމި ހުރި ބައެއް މަސައްކަތްތައް ވެސް ކުރިޔަށް ގެންދާނެކަމަށެވެ. އެހެން ނަމަވެސް ސީދާ ކުރިޔަށް ގެންދާނީ ކޮން މަސައްކަތެއްކަން ސާފުކޮށް ނުދެއެވެ.
މި ޖަލްސާ ދިމާވާނީ މީޑިއާ ބިލުގެ މަސައްކަތް ނިންމުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ކަނޑައަޅާފައިވާ ތާރީހަށެވެ. އެހެންކަމުން އެ ދުވަހު ކޮމިޓީން ބައްދަލު ނުވެ ހުރި ފަރާތްތަކާއި އެކު ބައްދަލުވުންތައް ކުރިޔަށް ގެންދާނެކަމަށް ވެސް ބެލެވެއެވެ.

