ކުރީގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހުލޫފް އިދިކޮޅު އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން، ޕީޕީއެމާއި ދުރުގައި ހުންނެވުމަށް ފަހު މަހުލޫފް އެމްޑީޕީއާއި ގުޅިވަޑައިގަތީ 2015 ވަނަ އަހަރު އެވެ.
އެއަށް ފަހު މިދިޔަ ސަރުކާރުގައި މަހުލޫފް ހުންނެވީ، މިނިސްޓަރެއްގެ މަގާމުގަ އެވެ.
އަހަރުތަކެއް ފަހުން އެމްޑީޕީން ވަކިވެވަޑައިގަތުމަށް ނިންމައި ޕާޓީގެ ޗެއާޕާސަންއަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި އެއްވެސް ސަބަބެއް މަހުލޫފް ފާހަގަކޮށްފައި ނުވެއެވެ.
ފައްޔާޒަށް ފޮނުވި ސިޓީގައި މަހުލޫފް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖެއަށް ގެނެސްދެއްވި ތަރައްގީގައި ބައިވެރިއެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރެވިފައި ވާތީ އެކަމަށް އުފާ ކުރައްވާކަމަށެވެ. އަދި އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.
މަހުލޫފް އެމްޑީޕީއާއި ވަކިވެވަޑައިގެންނެވީ، އެ ޕާޓީގެ އެކި ހަރަކާތްތަކުގައި ދުރުގައި ހުންނަވާތާ ދުވަސްތަކެއްވުމަށް ފަހުއެވެ.

