މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ސީއިއޯގެ މަގާމުން އާމިނަތު ސޫޒަން އިސްތިއުފާ ދެއްވައިފިއެވެ.
ސޫޒަން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވީ ބްރޭކެއް ނަގަން ބޭނުންވާތީ ކަމަށެވެ. އަދި ހާއްސަކޮށް އަމިއްލަ ޕްރޮޖްކްޓުތަކަށް އިސްކަން ދިނުމަށް ބޭނުންވާތީ ކަމަށް ސޫޒަން ވިދާޅުވިއެވެ.
ސޫޒަން ވަނީ ކުންފުނީގެ ފަރާތުން ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ހާއްސަކޮށް މަޓާޓޯގެ ރައީސް އަބްދުﷲ ގިޔާސް ދެއްވާފައިވާ އެހީތެރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މީގެތުރަށް މަޓާޓޯއިންވެސް ވަނީ ސޫޒަން ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. މަޓާޓޯގެ ސީއީއޯއަކަށް ސޫޒަން އައްޔަނުކުރީ ޖެނުއަރީ 27، 2024ގައެވެ.
ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ސޫޒަންއަކީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑު މެންބަރެވެ. އޭނާއަކީ ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ)ގެ ވެސް އެގްޒެކެޓިވް ބޯޑު މެންބަރެކެވެ.
ސޫޒަން ވަނީ އެޗްއެސްބީސީ މޯލްޑިވްސްގައި ވެސް ހަތް އަހަރު މަސައްކަތް ކުރައްވާފައެވެ.

