ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވަމުންދަނީ ޕީއެންސީއަށް ނިސްބަތްވާ މަޖިލީސް މެމްބަރުންގެ ޒިންމާދާރުކަން ކުޑަވުމުންކަމަށް މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕާޓީ ޕީއެންސީއަށް ފާޑުކިއުން އަމާޒުކޮށް ކުރެއްވި ޕޯސްޓެއްގައި އައްބާސް ވަނީ ރައްޔިތުންނަށް ދަތިތަކެއް ތަހައްމަލު ކުރަންޖެހިފައި ވަނީ އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ނުލަފާކަމާއި ޒިންމާދާރުކަން ކުޑަވުމުގެ ސަބަބުންކަމަށް ވިދާޅުވެފައެވެ. އަދި އެޕާޓީއަށް ނިސްބަތްވާ މެމްބަރުން ވަނީ އެއްވެސް ހައްދެއް ނެތް މިންވަރަށް ރައީސް ބޭނުންފުޅުވާ ގޮތެއްގެ މަތިން ބޭނުން ކުރެވޭ ގޮތަށް ބަޖެޓު ފާސްކޮށްފައިކަމަށް ތުހުމަތުކުރެއްވިއެވެ.
އައްބާސް ވިދާޅުވިގޮތުން ސަރުކާރުން ބޭކާރު ހަރަދު ކުރަމުންދާއިރު އެކަމުގެ ވާހަކަތައް ދައްކައި ޖަވާބުދާރީކުރުމުގެ އެއްވެސް މަސައްކަތްތަކެއް އެ މެމްބަރުންގެ ކިބައިން ފެނިގެން ނުދެއެވެ. އަދި ސަރުކާރުގެ ތެރޭގައި ހިޔާނާތާއި، ބޮޑެތި ވައްކަންތައް ހިނގަމުންދާކަން އެ މެމްބަރުންނަށް އެނގޭކަމަށް ތުހުމަތު ކުރެއްވި އެވެ. މި ހުރިހާކަމެއް މެމްބަރުންނަށް އެނގި ތިބެ، ކަންކަން ފޮރުވައިގެން ތިބޭތީ ރައްޔިތުން އެކަމާ ސުވާލު ކުރާނެކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
މީގެއިތުރުން އައްބާސް ވިދާޅުވީ އެކަމުގެ ސަބަބުން ގައުމުގެ މާލީ ހާލަތަށް ބެއްލެވުމެއް ނެތި ރައީސް ގެންދަވަނީ އެމަނިކުފާނު އެދިވަޑައިގެންނެވި ގޮތެއްގެ މަތިން ދައުލަތުގެ ބަޖެޓުން ހަރަދުކުރައްވަމުންކަމަށެވެ. މިގޮތުން އެއްވެސް ހައްދެއް ނެތް މިންވަރަށް ރަށްތަކުގައި ސިޔާސީ ބޭނުންތަކަށް ވަޒީފާތައް ދެމުންދާކަމަށާއި މުޅި ދައުލަތް ”ލޫޓުވަމުން“ ދާކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

