މީޑިއާ ރެގިއުލޭޓު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް މިއަދަށް ތާވަލު ކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފިއެވެ.
މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބިލުގެ ދިރާސާ ކުރުމަށް ތާވަލުކޮށް ބައްދަލުވުމެއް ކުރިޔަށް ގެންދިޔައީ މަޖިލީސް ޗުއްޓީގައި ވަނިކޮށެވެ.
ކޮމިޓީގެ ފުރަތަމަ މަސައްކަތަކަށް މިއަދު ތާވަލުކޮށްފައި އޮތީ އާންމުންގެ ހިޔާލު ހޯދުމުގެ ބިލާއި ގުޅޭ މަޝްވަރާ އެވެ. އެ މަސައްކަތް ކުޑަ ވަގުތުކޮޅަކަށް ގެންދިއުމަށް ފަހު، ބްރޭކެއް ނަގައި ދެން އޮތީ މީޑިއާ ބިލުގެ މަސައްކަތެވެ.
ކޮމިޓީގެ ބައްދަލުވުން ފެށުމާއި އެކު، ބައްދަލުވުން ސިއްރު ކުރުމަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމެވެ. އެގޮތަށް އޭނާ ހުށަހެޅުއްވީ ބިލަށް ހިޔާލު ފޮނުވި މީހުންގެ ޒާތީ މައުލޫމާތު ހުރިކަމަށް ބުނެ އެވެ.
ލައިވްކޮށް ކުރިޔަށްދާ ކޮމިޓީއެއްގައި މީހުންގެ ޒާތީ މައުލޫމާތު އާންމުވުމަކީ މަސްލަހަތު ރަނގަޅު ގޮތެއް ނޫންކަމަށް ނަސީމް ވިދާޅުވި އެވެ. އެހެންވެ އެގޮތަށް ހުށަހަޅައި، ކޮމިޓީގެ މެމްބަރުންގެ މެދުގައި ވޯޓު ނަގައި ފާސްކުރީ އެވެ.
ކޮމިޓި ސިއްރު ކުރިއިރު، ބައެއް ނޫސްވެރިން ވެސް ބައްދަލުވުން ކަވަރ ކުރުމަށް ވަދެ ތިއްބެވެ. އަދި އެ ނޫސްވެރިން ވަނީ ކޮމިޓީ ސިއްރު ކުރުމަށް ނިންމުމުން، އެކަމާއި ދެކޮޅަށް އަޑުއުފުލާފަ އެވެ.

