ސައްޙަނޫން ތައުލީމީ ސެޓްފިކެޓު ހުށަހަޅައިގެން މަޤާމުތަކުގައި ދެމިތިބޭ މައްސަލަތައް ދުވަހެއް ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ. އެންމެ ފަހުންވެސް ފެންމަތިވި މައްސަލައިގައި ތުހުމަތުވާ މުވައްޒަފުގެ އަތުގައި ސައްހަ ނޫން ދެ މާސްޓާސް ޑިގްރީ އާއި އެއް ބެޗްލާސް ޑިގްރީ ސެޓްފިކެޓެއް އޮތްއިރު، އެ ވަގު ސެޓްފިކެޓްތަކާ އެކު އެ މީހާ އުޅެނީ މެނޭޖަރު ފެންވަރުގެ މަގާމެއްގައިކަން އެމްކިއުއޭއިން ވަނީ ހާމަކޮށްފައެވެ. މަތީ ތައުލީމު ހޯދުމަށް ސައްހަ ނޫން ތައުލީމީ ސެޓްފިކެޓް ހުށަހެޅުމުގެ ގިނަ މައްސަލަތަކެއް ދިވެހި ފުލުހުންގެ ޚިދުމަތަށްވެސް ދަނީ ހުށަހެޅެމުންނެވެ.
ހަގީގަތުގައި މިއީ ކަންބޮޑުވާން ޖެހޭ ބޮޑު މައްސަލައެކެވެ. ވަގު ސެޓްފިކެޓު ހިފައިގެން ބޮޑެތި ޒިންމާދާރު ވަޒީފާތަކަށް ހޮވޭ މީހުންގެ ސަބަބުން ގެއްލުމަށް ހުށަހެޅިގެންދަނީ ވަށައިގެންވާ މުޅި މުޖުތަމައެވެ. އެގޮތުން މިއަދު ފެންމަތިވީ އޮފީހެއްގެ މެނޭޖަރެއްގެ މަޤާމުގައި ހުރި މުވައްޒަފެއްގެ މައްސަލައަކަށް ވެދާނެއެވެ.
އެހެންނަމަވެސް މާދަމާ އެމީހާއަކީ ތިމާގެ ހިތުގެ އޮޕަރޭޝަން ކުރަން އަންނަ ޑޮކްޓަރަށް ވެދާނެއެވެ. މައްސަލައިން ދިފާއުކޮށްދޭން ވަކާލާތު ކުރަން އަންނަ ވަކީލަށް ވެދާނެއެވެ. ތިމާގެ ޅަ ދަރިންނަށް އުނގަންނައިދިނުމުގެ މަތިވެރި ޒިންމާ ޙަވާލުވާ ޓީޗަރަށް ވެދާނެއެވެ. އެހެންކަމުން މިއީ އިންތިހާއަށް ކަންބޮޑުވާން ޖެހޭ އަދި ނުރައްކާތެރި މައްސަލައެކެވެ.
ސައްޙަ ނޫން ސެޓްފިކެޓް ނުވަތަ ފޯޖުކޮށްގެންނާއި މިނޫންވެސް ގޮތްގޮތަށް ސެޓްފިކެޓު ހުށަހެޅުމުގެ މާނައަކީ ހަގީގަތުގައި އެމީހެއްގެ ކިބައިގައި އެ މަޤާމަކަށް ބޭނުންވާ ތައުލީމީ ފެންވަރު ނެތުމެވެ. ވީއިރު، ތައުލީމީ ފެންވަރު ނެތި އެކަން އޮޅުވާލައިގެން ޒިންމާދާރު މަޤާމުތަކުގައި ދެމިތިބެވޭނަމަ އެއީ އެތައް ބަޔަކަށް ނުރައްކަލަކަން ވާނެކަން ޔަޤީނެވެ. މިއީ އަވަސް ޙައްލެއް އަންނަން ޖެހޭ ބޮޑު މައްސަލައެކެވެ.
ދެން އޮތީ އެކަން ކުރާ މީހުންނާއި، އެކަން ކޮށްދިނުމަށް މަގުފަހިކޮށްދޭ މީހުންނެވެ. ހަގީގަތުގައި އެމީހުންވެސް އެނގިތިބެ މި ކުރަނީ ޤާނޫނީ ގޮތުން ބޮޑު ކުށެކެވެ. ތައުލީމާއި ތަޖުރިބާއަކީ ގަނެވޭ އެއްޗެއް ނޫނެވެ. ފޯޖް ކުރެވޭ އެއްޗެއް ނޫނެވެ. އެހާ ފަސޭހައިން އެކަން ކުރެވޭނަމަ އެއީ ބުރަ މަސައްކަތުން ތައުލީމު ޙާސިލުކޮށްގެން ވަޒީފާތަކަށް ކުރިމަތިލާ ކުދިންނަށްވެސް އޮތް ބޮޑު ގޮންޖެހުމެކެވެ. އެ ކުދިންނަށްވެސް ކުރެވޭ މަލާމާތެކެވެ.
މި މައްސަލައަށް ހައްލު ގެނައުމަށް، އެމްކިއުއޭގެ އެޓެސްޓޭޝަން އުސޫލު ވަރަށް އަވަހަށް ގެޒެޓް ކުރާނެކަން އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން މިހާރު ވަޒީފާތަކުގައި ދެމިތިބި މީހުންގެވެސް އެސެސްމަންޓުތަކެއް ހަދަން ޖެހެއެވެ. ވަކިން ޚާއްސަކޮށް އަލަށް ވަޒީފާތަކަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ތައުލީމީ ސެޓްފިކެޓުތަކުގެ ސައްޙަކަން މިހާރަށްވުރެ ބޮޑަށް ކަށަވަރު ކުރަން ޖެހެއެވެ. ވަޒީފާއަކަށް މީހަކު ކުރިމަތިލައި، އެ ސެޓްފިކެޓުތައް ހުށަހެޅުމުން، އެކަމާ ގުޅޭ ޓްރާންސްކްރިޕްޓްތައް ބަލައިގެން ނުވަތަ ތައުލީމު ޙާސިލު ކުރި އިދާރާއަކުން މައުލޫމާތު ސާފުކޮށްގެންވެސް އެކަންކަން ބެލިދާނެއެވެ.
މީގެ އިތުރުން، ކަމާބެހޭ އިދާރާތަކުންވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އަދި އެކަންކަން ކުރާ ފަރާތްތަކާމެދުވެސް ޤާނޫނީ ގޮތުން ދޭންޖެހޭ އަދަބުދީ ފިޔަވަޅު އަޅަން ޖެހެއެވެ. ތައުލީމީ ފެންވަރު ވަޒަން ކުރުމަށް އިތުރު ބަދަލުތަކެއް ގެންނަންޖެހޭނަމަ އެކަންކަން ކޮށްގެންވެސް މި މައްސަލައަށް އަވަސް، އަދި އެދެވޭ ޙައްލެއް އަންނާން ޖެހެއެވެ.

