ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުދިޔަ ނަމަވެސް، ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ގޮޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ދޮންފަނުގައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމާފައިވަނީ އެރަށުގެ ރައްޔިތުން އެކަމަށް އިންކާރުކޮށްފައިވާތީ ކަމަށް ރައީސް މުޙައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. މި ނިންމުމާ ގުޅިގެން މިނިސްޓަރ މުއްތަލިބް ވިދާޅުވެފައިވަނީ ރަށުގެ އެހެނިހެން މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށެވެ.
ރައީސް މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ ސީއީއޯ އަހުމަދު ސައުދީ އެއްބަސްވުމުގައި ސޮއިކުރެއްވީ ރައީސް މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގައި ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، ”ރަށްރަށުގައި ކުރައްވާނެ ކަންކަމާބެހޭ ވަޢުދު ވެވަޑައިގަންނަވަނީ އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެކަމަކަށް އެދިގެން“ ކަމަށެވެ. އަދި ރައްޔިތުން ބޭނުން ނުވާ އެއްވެސް ކަމެއް އެ ރަށެއްގައި މި ސަރުކާރުން ނުކުރާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ދޮންފަނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިން ބިން ހިއްކުމަށް ނިންމާފައިވީ ނަމަވެސް، ރައްޔިތުންގެ އެދުމާ އެއްގޮތަށް އެ މަޝްރޫޢު ވަނީ މިހާރު ހުއްޓާލާފައެވެ. ރައީސް މުއިއްޒު ވިދާޅުވެފައިވަނީ މިއީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ އަދި ރައްޔިތުން އެދޭ އަމާޒަށް މަސައްކަތްކުރާ ސަރުކާރެއްކަން މިކަމުން ސާބިތުވާ ކަމަށެވެ.

