ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު، އ.ދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް، އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިއަދު ފުރާވަޑައިގެންފިއެވެ. މިއީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އ.ދ.ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާ ފުރަތަމަ ފަހަރެވެ.
ރައީސް ސާލިހުގެ ތަގުރީރު ވެގެންދާނީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް ކުރިމަތިވި ހުރަސްތަކަށް ނިމުމެއް ގެނުވައި، ރާއްޖެއާއި އެހެން ގައުމުތަކާއި، ބައިނަލްއަގުވާމީ ޖަމިއްޔާ އަދި ޖަމާއަތްތަކާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ފަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު އާރޯކަމެއް ގެނެސްދޭނެ ތަގުރީރެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އ.ދ.ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގަންނަވާ އެކި ގައުމުތަކުގެ ވެރިންނާއި، އ.ދ.ގެ އެކި ޖަމާއަތްތަކުގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާނެއެވެ. އ.ދ.ގެ 74 ވަނަ އާންމު މަޖިލީހުގައި ރައީސް ސާލިހު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2019 ގައެވެ.
މީގެ އިތުރުން، މިއަދަކީ، ދިވެހިރާއްޖެއިން އ.ދ.ގެ މެމްބަރަކަށްވީތާ 54 އަހަރު ފުރޭ ދުވަހެވެ. ދިވެހިރާއްޖެއިން އ.ދ.ގެ މެމްބަރަކަށް ވެފައި ވަނީ 21 ސެޕްޓެމްބަރު 1965 ގައެވެ.
ހެންވޭރު ތިލަފުށިގޭގައި ރޭ އިރާކޮޅުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގި ވަގުތުން ފެށިގެން ރޭ ފަތިހުގެ ވަގުތާއި ހަމަޔަށް ރައީސް ސާލިހު ވަނީ އެ ހާދިސާގެ ކަންކަން ވަރަށް ގާތުން ބައްލަވާފައެވެ.
އެގޮތުގެ މަތިން ރައީސް ސާލިހު ވަނީ މި ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގަންނަވާފައެވެ. އަދި މިހާދިސާއާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓު ކުރެވުނު ފަރާތްތަކާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. ރައީސް ސާލިހު ވަނީ މުލިއާގޭގައި ކުއްލި ކެބިނެޓް ބައްދަލުވުމެއްވެސް ބާއްވަވާފައެވެ. މި ބައްދަލުވުމުގައި މީހުން ނޫޅޭ ސަރަހައްދުތަކަށް ކެމިކަލް ބޭރުކުރުމަށް ނިންމާފައިވެއެވެ.
ރޭގެ ހާދިސާގައި ނިޔާވި ތ.ބުރުނީ އައިޝަތު ޝައުނާގެ ހަށިގަނޑު އާ ސަހަރާއަށް ގެންދިޔަ ވަގުތުގައި ރައީސް ސާލިހު ވަނީ ވަޑައިގެން އޭނާގެ އާއިލާއާއި އެކުގައި ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.