ސިއްޙީ ދާއިރާގައިވެސް ތަރައްޤީއާ ފައިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަންޖެހޭނެކަމަށް ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ކުރިއަށް ދިޔަ ”ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް“ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަސްޓްލޭޑީ ވިދާޅުވީ، އަލަށް އުފަންވާ ކުދިންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް އިސްކަން ދިނުމަކީ އިންސާނުންގެ ދުޅަހެޔޮކަމުގެ ބިންގާ ކަމަށާއި، އެހެންކަމުން މިއީ ނުހަނު ތާރީޚީ ކޮންފަރެންސެއް ކަމަށެވެ.
އެކަމަނާ ވިދާޅުވީ، އަންނަން އޮތް ޖީލުތަކުގެ ސިއްޙަތަށްޓަކައިވެސް ދުރާލާ ރޭވިގެން މިގޮތަށް މަޝްވަރާތައް ހިންގުމަކީ ފާހަގަކޮށްލަންޖެހޭ މުހިއްމު ކަމެއް ކަމަށެވެ.
އަޅުގަނޑު ޤަބޫލުކުރާ ހިތް އޮތީ މިއީ ފެށުމެއްކަމަށް، ކުރިއަށް އޮތް ތަނުގައި މިއީ ސިލްސިލާ ގޮތެއްގައި ހިންގަމުން ތަރައްޤީވަމުން ދާނެ ސިއްޙީ ޙަރަކާތެއްކަމަށް
މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ފަސްޓްލޭޑީ ވަނީ ނިއޯނޭޓަލް ނަރުހުންނާއި ޑޮކްޓަރުން އަދި ފޫޅުމައިންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން، ތާރީޚީ ގޮތުން ބަލާއިރު، އަލަށް އުފަންވާ ކުދިންގެ ސިއްޙީ ޙާލަތާ ގުޅޭ ދާއިރާއަކީ ހިތްދަތި އެތައް ކަމެއް ހިނގާފައިވާ ދާއިރާއެއްކަން ފާހަގަ ކުރައްވައި ފަސްޓްލޭޑީ ވިދާޅުވީ، އެތައް ބައެއްގެ މިންނެއް މަސައްކަތުން މިހާރު މި ދާއިރާއަށް ގިނަގުނަ ހެޔޮ ބަދަލުތަކެއްވެސް ގެނެވިފައިވާ ކަމަށެވެ. އަދި މިހާރުވެސް މި ދާއިރާއަށް އިތުރު އަވަސް ކުރިއެރުންތައް ބޭނުންވާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.
އެކަމަނާ ވިދާޅުވީ، ޖާގައާއި، އިތުރު ވަސީލަތްތަކާއި، ހުނަރާއި އިންސާނީ ޤާބިލުކަންވެސް މި ދާއިރާގައި ކުރިއަރުވަން ޖެހިފައިވާ ކަމަށެވެ. މިއީ ދުނިޔޭގެ އިލްމާއި ޓެކްނޮލޮޖީ ކުރިއަރަމުންދާ މިންވަރަކަށް ކުރިއަރަން ޖެހޭ ކަންކަން ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ފަސްޓްލޭޑީ ވަނީ ތަރައްޤީއާ ފައިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަންޖެހޭނެކަން ފާހަގަ ކުރައްވާފައެވެ.
މީގެ އިތުރުން، މި ކޮންފަރެންސްގެ މައުޟޫއަކީ ކޮންމެ އާއިލާއަކާވެސް ގުޅިފައިވާ މައުޟޫއެއްކަމަށް ފަސްޓްލޭޑީ ވިދާޅުވިއެވެ. އެހެންކަމުން މި ކޮންފަރެންސްގެ ޒަރިއްޔާއިން އެދެވޭ ނަތީޖާތަކެއް ނެރުން މުހިއްމުކަމަށް އެކަމަނާ ވިދާޅުވިއެވެ.

