މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލުގެ ކޮމިޓީ މަރުހަލާގައި، އެ ބިލަށް ގެނައުމަށް ބަންޑާރަނައިބުގެ އޮފީސް (އޭޖީ އޮފީސް) އަށް ފެންނަ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަންކަން އާންމުކޮށްފި އެވެ.
”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ގެ ނަމުގައި ހުށަހަޅާފައިވާ މި ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން ދަނީ މަޖިލީހުގެ މިނިވަން މުވައްސަސާތަކައި ބެހޭ ކޮމިޓީންނެވެ. މި ދެ ދުވަހު ވެސް ކޮމިޓީގައި ކުރިޔަށް ގެންދައީ ބިލަށް ލިބިފައިވާ ހިޔާލުތައް ދިރާސާ ކުރުމުގެ މަސައްކަތެވެ. އެހެން ނަމަވެސް ކޮމިޓީގެ ބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.
މިއަދު އޭޖީ އޮފީހުގެ ހުށަހެޅުންތައް މަޝްވަރާ ކުރިއިރު، ބައްދަލުވުން ސިއްރު ކުރުމުން ނޫސްވެރިން ވަނީ އެކަމާއި ދެކޮޅަށް އިހުތިޖާޖުކޮށްފަ އެވެ.
ބަންޑާރަނައިބުގެ އޮފީހުން ހުށަހެޅި އިސްލާހުތަކުގެ ދިރާސާ ކުރުމުގެ ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފައި ވަނިކޮށް އެ ހުށަހެޅުންތައް އޭޖީ އޮފީހުން ވަނީ މީޑިއާތަކަށް ހިއްސާކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި އޮނިގަނޑުތައް ހަރުދަނާ ކުރުމާއި، މީޑިއާގެ ސުލޫކީ މިންގަނޑުތަކަށް ބަދަލު ގެނައުން އަދި މީޑިއާގެ ފެންވަރާއި ނޫސްވެރިންނާމެދު ފިޔަވަޅު އެޅުމުގެ މާއްދާއަށް އިސްލާހު ހުށަހެޅުމެވެ.
މީގެއިތުރުން ބިލުގައި ހިމަނާފައި ހުރި ބައެއް ކަންކަން، އިތުރަށް ތަފްސީލު ކުރުމަށް ވަނީ ހުށަހަޅާފަ އެވެ.
އެގޮތުން ކޮމިޝަނުގެ މަސްއޫލިއްޔަތެއްގެ ގޮތުން އިސްލާމްދީނާ ހިލާފު ވާހަކަތައް ފެތުރުމާއި، އަހުލާގީ ގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި، ފާހިޝް އމަަލުތަކަށް ހިތްވަރުދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނުމަށް އޭޖީ އޮފީހުން ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން، ކޮމިޝަނުގެ މިނިވަންކަން ކަށަވަރުކުރުމަށްޓަކައި، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުން، އަދި ކޮމިޝަނުގެ ރައީސް އައްޔަނު ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17، 19 އަދި 20 ވަނަ މާއްދާ އިސްލާހު ކުރުމަށް ވެސް ހުށަހަޅާފައިވެއެވެ.
ކޮމިޝަނުގެ މެންބަރުންގެ ޝަރުތުތަކަށް ބަދަލު ގެނެސް، ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން 18 ވަނަ މާއްދާގެ (ޅ) ގައި ހިމެނުމަށް އޭޖީން ހުށަހެޅި އެވެ. އަދި މެންބަރުކަމުގެ ޝަރުތެއް އުނިވެއްޖެ ނަމަ، އެ މެންބަރަކު ވަކިކުރުމުގެ އިހުތިޔާރު އެ މެންބަރުން އިންތިހާ ބުކުރި ފަރާތްތަކަށް ލިބިދިނުމަށްޓަކައި 28 ވަނަ މާއްދާ އިޞްލާހު ކުރުމަށްވެސް ވަނީ ހުށަހަޅާފައެވެ.
ކޮމިޝަނަށް ހުށަހަޅާ ޝަކުވާތައް ބެލުމަށް ވަގުތީ އެޖުޑިކޭޝަން ކޮމިޓީއެއް ގާއިމްކުރުމާއި، އެ ކޮމިޓީއާގުޅޭ އުސޫލުތައް ބިލުގައި ހިމެނުމަށް ވެސް ހުށަހެޅުންތަކުގައި ހިމެނެ އެވެ. އަދި، ކޮމިޝަނުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި، ކޮމިޝަންގެ ލަފައާއި އެކު، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަންވާނެކަމަށް ބަޔާންކޮށް އާ މާއްދާއެއް ހިމެނުމަށްވެސް ވަނީ ހުށަހަޅާފަ އެވެ.
އޭޖީގެ ހުށަހެޅުންތަކުގައިވާ ގޮތުން މީޑިއާގެ ސުލޫކީ ހަމަތަކާ ގުޅޭގޮތުން ބިލުގެ 39 ވަނަ މާއްދާގައި، ތެދު މައުލޫމާތު ހާމަކުރުމުގެ އިތުރުން، އިންސާފުވެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ހަބަރާއި މައުލޫމާތު ގެނެސްދިނުން ހިމެނުން ވެއެވެ. އަދި މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކާ ގުޅޭގޮތުން 41 ވަނަ މާއްދާ އިސްލާހުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހުތިރާމު ކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން، 42 ވަނަ މާއްދާގައި މިހާރު ހިމެނޭ ”ހިޔާލު ތަފާތުވެފައިވާ މައްސަލައެއްގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު“ އުނިކޮށް، ”އާންމު މަސްލަހަތާގުޅޭ މައްސަލަތަކުގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު“ ބިލުގައި ހިމަނައި، އެ މިންގަނޑު އިތުރަށް ތަފްސީލު ކުރުމަށް އޭޖީ އޮފީހުން ވަނީ ހުށަހަޅާފައެވެ. އަދި ބިލުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއަށް އިތުރު މިންގަނޑުތަކެއް ހިމެނުމަށް ވެސް ވަނީ ހުށަހަޅާފައެވެ.
އިތުރު އިސްލާހެއްގެ ގޮތުގައި ވަނީ މީޑިއާއިން ގެނެސްދޭ މައުލޫމާތާއި ކޮންޓެންޓުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ހިންގާ މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށް ބިލަށް އާ މާއްދާއެއް އިތުރުކުރުމަށެވެ. އަދި ކޮމިޝަނުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި، ކޮމިޝަންގެ ލަފައާއިއެކު، ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކޮމިޝަނަށް ވަކި މިންވަރެއް ކަނޑައަޅަންވާނެކަމަށް ބަޔާންކޮށް އާ މާއްދާއެއް ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.
ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމަށް އޭޖީ އޮފީހުން ވަނީ ހުށަހަޅާފަ އެވެ.
މީގެ އިތުރުން، މި ބިލުގައި ހިމަނާފައިވާ އާންމު ނިޒާމާއި، ގައުމީ ސަލާމަތާއި، އިލެކްޓްރޯނިކް މީޑިއާގެ މާނަކުރުން އިތުރަށް ތަފްސިލުކޮށް ހިމެނުމަށް ވެސް އޭޖީ އޮފީހުން ވަނީ ހުށަހަޅާފައެވެ.

