މާލޭގައި ހުރި ކެމިކަލް ގުދަންތައް އެހެން ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރުމަށް ތިން މަސް ދުވަސް ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަރުކާރުގެ އެކި މުއައްސަސާތަކުން އަޅަމުންގެންދާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ދިނުމަށް ރައީސް އޮފީހުުގައި ބޭއްވި ބައްދަލުވުމެއްގައި ކެމިކަލް ގުދަންތައް މިހާރުވެސް މީހުން ދިރިއުޅޭ ގިނަ ސަރަހައްދުތަކުގައި ހުރުމުގެ ސަބަބުން އާންމުން ބިރުވެރިކަމެއްގައި ތިބި ކަމަށާއި، އެ ގުދަންތައް ނަގަން ކިހާ ދުވަހެއް ނަގާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، އެފަދަ ކަންކަމަކީ އެއް ރޭ ތެރޭ ކޮށް ނިންމޭނެ ކަންކަން ނޫން ކަމަށެވެ.
މާލޭގައި ހުރި ކެމިކަލް ރައްކާކުރާ ގުދަންތައް އެހެން ތަނަކަށް ބަދަލުކުރުމަށް ތިން މަސް ނަގާނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއިރު، އެ ގުދަންތައް ތިލަފުއްޓަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.
ގުދަންތައް ތިލަފުއްޓަށް ބަދަލުކުރާނީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ގުދަން އެޅުމަށްފަހު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިގިލީ އިބޫ) ވަނީ ހޮނިހިރު ދުވަހު ވިދާޅުވެފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޖީދީމަގު އަލުން ތަރައްގީ ކުރިއިރު ފަޔަރ ހައިޑްރެންޓް ސިސްޓަމްތައް ގާއިމުކުރުމަށް އެމްއެންޑީއެފުން އެމްއާރުޑީސީއަށް ފައިސާ ދައްކައިގެން، ވަނީ އެ ނިޒާމު ގާއިމުކޮށްފައެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން އެ ނިޒާމުގެ ބޭނުން ކުރާތަނެއް ނުފެނެއެވެ.
އެކަމާއި ގުޅިގެން ނޫސްވެރިޔަކު މިނިސްޓަރ އަސްލަމް އާއި ސުވާލު ކުރުމުން، އެމަނިކުފާނު ވިދާޅުވީ، މަޖީދީމަގުގައި ކުރީގެ ސަރުކާރުން ހޮޅިތަކެއް ވަޅުލި ކަމަށާއި އެ ބޭނުންކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަަށެވެ.
މައްސަލަތައް ހައްލު ކުރަން ސަރުކާރުން މަސައްކަތްތަކެއް ކުރެވުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރ އަސްލަމް ވިދާޅުވީ، ދިމާވި ނުރައްކާތެރި ހާދިސާއާއި ގުޅިގެން އެއްވެސް ބަޔަކަށް އިނގިލި ދިއްކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.
މާލެއިން ކެމިކަލް ގުދަންތައް ބޭރުކުރެއްވުމަށް 3 މަހުގެ މުއްދަތެއ ދިނުމަށ ޕްލޭނިންގް މިނިސްޓަރ ރައްޔިތުންގެ ކިބައިން އެދިފައިވާއިރު، ކެމިކަލް ގުދަންތައް ހުރި ސަރައްހަދުތަކުގައި ދިިރިއުޅެމުންދަ ގިނަ އާއްމު ރައްޔިތުން މިއަދުވެސް ތިބީ ނަފްސާނީ ބިރުވެރިިކަމެެއްގެ ތެރޭގައެވެ.
މިދިޔަ ހުކުރު ދުވަހު އަބަދަށް ފެހި މަގުގައި ހުންނަ ހ.ތިލަފުށި ގޭގައި ހަދާފައިހުރި ކެމިކަލް ގުދަނެއްގައި ރޯވެ، ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެ އިތުރު 3 ގުދަނަކާއި މީހުން ދިރިއުޅޭ 6 އިމާރާތެއް ވަނީ އަނދާ ހުލިވެފައެވެ.