މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުންފުނީގެ ހިއްސާދާރުންނަށް ޚާއްޞަކޮށްގެން މި މަހުގެ 18 އިން ފެށިގެން ޚާއްޞަ ކެމްޕެއިނެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ. .
އެމްޓީސީސީން މިކަން އިއުލާނުކުރަމުން ބުނެފައިވަނީ، ކުންފުނި އުފެދުނީއްސުރެ މިހާތަނަށް 24،000 އަށް ވުރެ ގިނަ ހިއްސާދާރުން ތިބި ކަމަށާއި، މި ކެމްޕެއިންގެ މައިގަނޑު މަޤްޞަދަކީ ކުންފުންޏާއި ހިއްސާދާރުންގެ ގުޅުން އިތުރަށް ބަދަހިކޮށް، ހިއްސާދާރުންނަށް ބޭނުންވާ މަޢުލޫމާތު ވީހާވެސް ގާތުން ފޯރުކޮށްދިނުން ކަމުގައެވެ.
އެމްޓީސީސީގެ ފަރާތުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، ”މި ކެމްޕެއިނަކީ މައިގަނޑު ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ ކެމްޕެއިނެއް. ފުރަތަމަ ފިޔަވަހީގައި ގްރޭޓަރ މާލެ އޭރިއާއަށް އަމާޒުކޮށްގެން އެކި ސަރަހައްދުތަކުގައި ސްޓޯލްތަކެއް ޤާއިމްކޮށްގެން ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައި“ ކަމަށެވެ.
މި ކެމްޕެއިންގެ ދަށުން ހިއްސާދާރުންނަށް ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި ހިއްސާގެ ފައިސާ ހުރި މިންވަރު ބެލުމާއި، އެންމެ ފަހުން ފައިސާ ނެގި ތާރީޚު އަދި ލިބެން ބާކީ ހުރި ފައިސާގެ މަޢުލޫމާތު ހޯދުމާއި، ހިއްސާދާރުންގެ މަޢުލޫމާތު އަޕްޑޭޓްކުރުމާއި، ހިއްސާ ސެޓްފިކެޓް އައުކުރުން ހިމެނެއެވެ.
އެމްޓީސީސީން އިތުރަށް ފާހަގަކޮށްފައިވަނީ މި ސްޓޯލްތަކަކީ ހުރިހާ ފަރާތްތަކަށްވެސް ހުޅުވާލެވިފައިވާ ތަންތަން ކަމަށާއި، ހިއްސާދާރެއްކަން ޔަޤީން ނުވާ ފަރާތްތަކަށާއި، ނިޔާވެފައިވާ ހިއްސާދާރުންގެ ވާރުތަވެރިންނަށްވެސް މި ޚިދުމަތް ލިބޭނެ ކަމަށެވެ. މި ކެމްޕެއިން މާލެ ސަރަހައްދުގެ ހުރިހާ ހިސާބެއްގައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

