ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ސުން ބަޔާން ހުށައަޅާ ވިޔަފާރިތަކުގެ ތެރޭގައި ކުދި ގިންތީގެ ވިޔަފާރިތައް ފާހަގަކުރެވޭ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މީރާއިން މިކަން ހާމަކޮށްފައިވަނީ ސަންގު ޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައެވެ. އަދި 2025 އަދި 2026 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އިމްޕްރޫވްމެންޓް ޕްލޭން ތަޢާރަފްކޮށްފައިވާ ކަމަށާއި، ކޮންމެ އަހަރަކުވެސް ޓެކްސް ދައްކާ ފަރާތްތަކުގެ ކޮމްޕްލަޔަންސް ރަނގަޅުކުރުމަށް ރާވާ ކަންކަން އެފަރާތްތަކާ ހިއްސާކުރަމުންދާ ކަމަށް މީރާއިން ބުނެފައިވެއެވެ.
”އަޅުގަނޑުމެންގެ އެންމެ މައިގަނޑު މަޤްޞަދަކީ ޓެކްސް އިލްތިޒާމްތައް ފުރިހަމަކުރުން ވީހާވެސް ލުއިފަސޭހަކޮށްދީގެން ޓެކުހުގެ ޤާނޫނާއި ގަވާއިދަށް ތަބާވާ މިންވަރު ނުވަތަ ވޮލަންޓަރީ ކޮމްޕްލަޔަންސް އިތުރުކޮށްދިނުމަށް މަސައްކަތްކުރުން. އަދި ހަމަ އެއާއެކު ޓެކުހުގެ އިލްތިޒާމްތައް ފުރިހަމަ ނުކުރާނަމަ، ނޮން-ކޮމްޕްލަޔަންސް ވާ މިންވަރު މަދުކުރުން،“ މީރާގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
އެންމެ ބޮޑެތި ވިޔަފާރިތަކުގެ މައްސަލަތަކަށް ބަލާއިރު، އިންކަމް ޓެކްސް ބަޔާނާއެކު ހުށައަޅަންޖެހޭ ޝެޑިއުލް ނުވަތަ ސަޕޯޓިންގ ޑޮކިއުމެންޓްސް ހުށަނޭޅުން ފާހަގަކުރެވޭ ކަމަށް މީރާއިން ބުނެފައިވެއެވެ. މިކަން ޙައްލުކުރުމަށް ފައިލިންގ ކޮމްޕްލަޔަންސް ރަނގަޅުކުރުމުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށްވެސް މީރާއިން ހާމަކޮށްފައިވެއެވެ.
މީރާއިން މިފަދަ ޕްލޭނެއް ޝާއިޢުކުރުމުގެ މަޤްޞަދަކީ ޓެކްސް ދައްކާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ރާވާފައިވާ ކަންކަން އެފަރާތްތަކާ ހިއްސާކުރުމާއި، އިސްލާހީ ފިޔަވަޅު އެޅުމުގެ ކުރިން އެފަރާތްތަކަށް އިސްލާހުކުރުމުގެ ފުރުސަތު ދިނުން ކަމަށް މީރާއިން ބުނެފައިވެއެވެ.

