މީޑިއާ ރެގިއުލޭޝަން ބިލަށް އެޓޯނީ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ އިސްލާހުތަކާއިއެކު، އެ ބިލު ވަރަށް ބޮޑަށް ރަނގަޅުވެ، މީޑިއާ ދާއިރާއަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު އަސްވާޑް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރު އަސްވާޑް ވިދާޅުވިގޮތުގައި، މީޑިއާ ރެގިއުލޭޝަން މަސައްކަތްތަކާއި ގުޅިގެން ގިނަ ނޫސްވެރިންގެ މެދުގައި ކަންބޮޑުވުމެއް އޮތްކަމަށް ދެކިވަޑައިނުގަންނަވައެވެ. ކޮންމެ ދުވަހެއްގައިވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި ބައްދަލުކުރައްވާކަމަށާއި، ރާއްޖޭގެ ނޫސްވެރިންގެ ދަފްތަރު ބަލަހައްޓަމުންދަނީ އެ މިނިސްޓްރީން ކަމަށްވެސް އަސްވާޑް ފާހަގަކުރެއްވިއެވެ. ނަމަވެސް ބިލާއި ގުޅޭގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް ހުރިކަން ގަބޫލުކުރައްވާ ކަމަށާއި، އެމަނިކުފާންގެ ވެސް އަމިއްލަ ކަންބޮޑުވުންތަކެއް ހުރިކަމަށާއި އިސްލާހުތަކެއް ގެންނަން ހުރިކަން ދެކިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން މުހިންމު ނުކުތާއެއް ފާހަގަކުރައްވަމުން މިނިސްޓަރު އަސްވާޑް ވިދާޅުވީ، މިއީ ދިވެހި ސަރުކާރުން ހުށައަޅާފައިވާ ބިލެއް ނޫންކަމަށެވެ. އަދި އޭޖީ އޮފީހުން ނުވަތަ ރައީސް އޮފީހުން އަދި ޔޫތު މިނިސްޓްރީންވެސް މަޖިލީހަށް ފޮނުވި ބިލެއް ނޫންކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ. މި ބިލު މަޖިލީހަށް ފޮނުވާފައިވަނީ މިނިވަން ހައިސިއްޔަތެއްގައި ހުންނެވި މަޖިލީހުގެ މެމްބަރެއް ކަމަށެވެ. މީގެ ކުރިންވެސް އަމިއްލަ މެމްބަރަކު މިފަދަ ބިލެއް ފޮނުއްވުމުން، އޭޖީ އަރިހުގައި ރާއްޖޭގެ ނޫސްވެރިން އެކަމާއި ކަންބޮޑުވުން ފާޅުކުރުމުން، ބިލު މަޖިލީހުން ނަގާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އޭރު ނޫސްވެރިން އެދުނީ ވަގުތު ދިނުމަށް ކަމަށާއި، އަނެއްކާވެސް ވަގުތުތަކެއް ދިނުމަށް އެދިވަޑައިގެންފައިވާކަމަށް މިނިސްޓަރ އިޝާރާތްކުރެއްވިއެވެ. ނަމަވެސް އެންމެ ފުރަތަމަ ބިލު ހުށައެޅި ދުވަހާއި މިހާރު ބިލެއް ހުށައެޅިގެންދިޔަ މުއްދަތާއި ދެމެދުވެސް ހަ މަސް ދުވަސް ހޭދަވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީޑިއާ ރެގިއުލޭޝަންގެ ވާހަކަތަކާއި މީޑިއާ ކޮމިޝަން ހެދުމުގެ ވާހަކަތައް ދެކެވެން ފެށީ އިއްޔެ ނޫނީ މިއަދު ނޫންކަން އެނގިވަޑައިގަންނަވާ ކަމަށް މިނިސްޓަރު އަސްވާޑް ވިދާޅުވިއެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށްވެސް ނޫސްވެރިކަން ކުރައްވަމުން އައިސްފައިވާކަން ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސުންގެ ތެރެއިން މިކަމާއި ގުޅޭގޮތުން ވާހަކަ ނުދައްކަވާ ހަމައެކަނި ރައީސްއެއްގެ ގޮތުގައި ހުންނެވީ ރައީސް މުހައްމަދު ނަޝީދުކަން މިނިސްޓަރ އަސްވާޑް ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު މި މަސައްކަތްތައް ކުރެއްވުމަށް ފިޔަވަޅުތަކެއް އަޅުއްވާފައިނުވާ ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައި އެއްފަދަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމުން އޭރުވެސް ނޫސްވެރިން ވަގުތުތަކެއް ބޭނުންވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިން ކަންކަން ދިރާސާކުރުން މުހިންމު ކަމަށާއި، ބިލަށް އޭޖީ އޮފީހުން ހުށައަޅާފައިވާ އިސްލާހުތަކާއިއެކު އެތައް ގުނައެއް ބިލު ރަނގަޅުވާނެ ކަމަށެވެ. ތާރީހުގެ ތެރެއަށް އަލިއަޅުއްވައި މިނިސްޓަރ ވަނީ އެމްޑީޕީގެ މެޖޯރިޓީ އޮތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަކުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް އުވާލަން ނިންމިކަމަށް އިޝާރާތްކުރައްވާފައެވެ. އޭރު މަސައްކަތްތަކުގެ އަމާޒަކަށް ވެގެންދިޔައީ އައިކޮމްއާއި ބްރޯޑްކޮމް އަދި މީޑިއާ ކައުންސިލުވެސް އެއްކޮށްލުން ކަމަށް މިނިސްޓަރ އަސްވާޑް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި، އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ވޯޓު ދެއްވީ އޭރު ނައިބު މުގައްރިރެއްގެ މަގާމުގައި އިންނެވި މެމްބަރު މީކާއިލް އަހުމަދު ނަސީމް ކަމަށެވެ. ނަމަވެސް މިއަދު މީކާއިލް ދަނީ ކުރެވެމުންދާ މަސައްކަތްތަކާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވަމުން ކަމަށްވެސް މިނިސްޓަރ އަސްވާޑް ވިދާޅުވިއެވެ.
މިނިސްޓަރ އަސްވާޑް ވިދާޅުވީ އެމަނިކުފާން ވަޒރީރު ކަމުގައި ހުންނަވައިގެން އެތެރެއާއި ބޭރުން ވެސް މަސައްކަތް ކުރައްވަނީ މީޑިއާތަކާއި ނޫސްވެރިންގެ ހައްގުގައި ކަމަށާއި އަދި މީޑިއާތަކަށް ނޫސްވެރިންނަށް ގެއްލުންވާފަދަ އެއްވެސް ކަމަކަށް އެމަނިކުފާން އެއްބާރުލުން ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

