ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމަށް ރިޔާސީ އިންތިހާބާއި ދިމާކޮށް ދެއްވި 29 މިލިއަން ރުފިޔާއަށް “ހިޔާނާތްތެރިވެ މަކަރާއި ހީލާތް” ހެދިކަމަށްބުނެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރު ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލާގައި ބަޔާން ނެގުމަށް މިރޭ 20:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން ޖާބިރަށް ދަންނަވައިފިއެވެ.
ސަންގަށް މައުލޫމާތު ދެއްވަމުން ޔޮޓް ޓުއާޒް ކުންފުނީގެ ޗެއަރމަންކަންވެސް ކުރައްވާ ޖާބިރު ވިދާޅުވީ މިރޭ އެމަނިކްފާނުގެ ގާނޫނީ ވަކީލުންނާއެކު ފުލުސް އޮފީހަށް ހާޒިރުވާނެކަމަށާއި، އެފައިސާއަކީ ރައީސް މައުމޫން ނެންގެވި ފައިސާކަމަށެވެ. އަދި ދަރަންޏަށް ފައިސާ ނަގައިފިނަމަ އެކަމުގައި އޮންނަ ރީތި ގޮތަކީ ދަރަންޏަށް ޒިންމާވުންކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ދަރަންޏަށް ޒިންމާ ނުވެވޭ ސިޔާސީ ފަރާތްތައް ކޮން މިސާލެއްތޯ އަޅުގަނޑުމެންގެ ޖީލަށް ދައްކާނީ. މިދައްކަނީ މަދު ލާރިކޮޅެއްގެ ވާހަކައެއް ނޫން. ރައީސް މައުމޫނާއި ފާރިސް މައުމޫނަށް ރަނގަޅަށް އެނގޭނެ އެފައިސާ އެމީހުން ނެގިކަން، ބޭނުންކުރިކަން. އެންމެ ރީތި މިސާލަކަށްވާނީ ދަރަންޏަށް ޒިންމާވުން. 29 މިލިއަން ރުފިޔާ މައުމޫނަށް ދިނީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކާ ގޮތަށް އިންޓަރެސްޓް ވެސް އަރާ ގޮތަށް. އަދި ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި. މިހާ ތަފްސީލް ހެކި އަޅުގަނޑު އަތުގައި އެބަހުރި
ރައީސް މައުމޫން 29 މިލިއަން ރުފިޔާ ޖާބިރު އަތުން ނެންގެވީ މައުމޫނު ދިރިއުޅުއްވާ ކިނބިގަސްދޮށުގޭ މޮގޭޖަށް ބަހައްޓަން ވައުދުވެފައި ކަމަށް ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ އެ ދަރަނި ބޭނުންކޮށްގެން ކުރާ މަސައްކަތުން ލިބޭ ނަފާއާއި ފައިދާއިން ޖާބިރަށް ހައްގުވާ މިންވަރު ދޭނެ ކަމަށްވެސް ވައުދުވި ކަމަށެވެ.
ރައީސް މައުމޫނު އަރިހުގައި އެ ފައިސާ ދެއްކުމަށް ތަކުރާރުކޮށް އެދުނުކަން ހާމަ ކުރައްވާ ޖާބިރު ވިދާޅުވީ ރައީސް މައުމޫނު މިއަދު އެކަމަށް ދެއްވަނީ ބީރު ކަންފަތެއްކަމަށެވެ. ޖާބިރު ވިދާޅުވީ އެމައްސަަލަ ވާހަކަ ދައްކައިގެން ހައްލުކުރުމަށް ރައީސް މައުމޫނަށް ފުރުސަތެއް ދެއްވި ކަމަށާއި، ނަމަވެސް މައުމޫންގެ ފަރާތުން އެއްބާރުލުން ނުލިބުމުން ފުލުސް އޮފީހަށް ދާން މަޖުބޫރުވީކަމަށެވެ.
ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވަމުން ޖާބިރު، ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ހަމީދަށް ފޮނުއްވި ސިޓީގައިވަނީ، ރައީސް މައުމޫން މަކަރާއި ހީލަތުން އޭނާގެ އަތުން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ނުލިބޭ ކަމަށް ވިދާޅުވެ، އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ. އެހެންވެ، މައުމޫން ފުލުސް އޮފީހަށް ހާޒިރު ކުރައްވައިގެން އޭނާގެ ހައްގު ހޯއްދަވައިދެއްވުމަށް އެދޭކަމަށެވެ.
މެމްބަރު ޖާބިރު އެންމެ ފުރަތަމަ މިމައްސަލަ ފުލުހަށް ހުށަހެޅުއްވީ މިދިޔަ އޮގަސްޓް މަހު 22 ގައެވެ. ނަމަވެސް ހެކި ހުށަހަޅާފައި ނެތުމުގެ ސަބަބުން ފުލުސް އޮފީހުން މައްސަލަ ބޭރުކުރިއެވެ. ހެއްކާއެކު ޖާބިރު ފުލުސް އޮފީހަށް މިމައްސަލަ އަލުން ވެއްދީ މި ސެޕްޓެމްބަރު މަހުގެ 20 ވީ ދުވަހުއެވެ.