ރައްޔިތުނަށް ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި އުފެއްދި ކުންފުންޏަށް މެނޭޖިންގް ޑިރެކްޓަރަކު އައްޔަނުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއުލާނުކޮށްފައިވާގޮތުން ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި އުފައްދާފައިވާ ކުންފުނީގެ ބޯޑު މެމްބަރުންގެ ގޮތުގައި އައްޔަނުކޮށްފައިވަނީ ކުންފުނީގެ އެމްޑީގެ މަގާމަށް ޑރ ޝާހު މާހިރު އަދި ބޯޑު މެމްބަރުންގެ ގޮތުގައި އައިޝަތު މުހައްމަދު އާއި ޝިބާނާ އަބްދުﷲ ދީދީކަމަށެވެ.
މި ކުންފުންޏަކީ ރައީސްއަށް ގާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން އުފައްދާފައިވާ ތަނެކެވެ. މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެއްކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. މިއީ ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެކެވެ.

