ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭއިން ކުރި އިއުލާނެއްގައި ބުނީ، ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރު އެޅުމަށާއި، އެ އޮތޯރިޓީގައި ރަޖިސްޓްރީނުކޮށް ކާބޯތަކެތީގެ ޚިދުމަތްދޭ ފަރާތްތަކުގެ މައުލޫމާތު އެއްކުރުމަށް ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން މައުލޫމާތު ދޭ ގޮތުގައި މި އިންސްޕެކްޝަން ކުރިއަށްދާނީ 21 ސެޕްޓެމްބަރު 2015ން 30 ސެޕްޓެމްބަރު 2025 ގެ ނިޔަލަށެވެ.
މިއީ އެމްއެފްޑީއޭއާއި، މާލޭ ސިޓީ ކައުންސިލް އަދި ހައުސިންގ ޑިވޮލޮޕްމަންޓް ބޭންކުން ގުޅިގެން ކުރިއަށްގެންދާ އިންސްޕެކްޝަނެކެވެ.
ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނަކީ ޤާނޫނު ނަންބަރު 6/2024 (ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން އެމްއެފްޑީއޭގައި ރަޖިސްޓްރީކުރުން ލާޒިމުކޮށްފައިވާ ތަންތަނެވެ. އެހެންކަމުން ރަޖިސްޓްރީނުކޮށް ޚިދުމަތްދޭ ތަންތަން ބަންދު ކުރުމާއެކު، އެފަދަ ތަންތަނުގެ މައުލޫމާތު މި އިންސްޕެކްޝަންގެ ތެރެއިން އާންމު ކުރުމަށްވެސް އެމްއެފްޑީއޭއިން ވަނީ ނިންމާފައެވެ.
ދިވެހިރާއްޖޭގައި ލިބެން ހުންނަ ކާބޯތަކެއްޗަކީ ރައްކާތެރި އަދި ޢާންމު ޞިއްޙަތަށް ގެއްލުންނުވާފަދަ ތަކެތިކަން ކަށަވަރުކުރުމާއި، ކާބޯތަކެތީގެ ފެންވަރާއި ރައްކާތެރިކަމާގުޅޭ ކަންކަމުގައި ސަރުކާރަށާއި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމަށް މަސައްކަތްކުރާ މުއައްސަސާތަކަށް ލަފަޔާއި އިރުޝާދާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެމްއެފްޑީއޭގެ ޒިންމާއެކެވެ.

