ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓާއި އެމްޑީޕީން ދެކޮޅު ހަދަނީ އިންތިހާބުތަކުން ބަލިވެދާނެތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ތަޅުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ގާނޫނާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ގާނޫނުއަސާސީއަށް 17 އަހަރު ފުރިގެންދިޔައިރު މި ގާނޫނަކީ ފާސްކުރެވިފައިވާ ގާނޫނެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ގާނޫނެއް އޮންނަންޖެހޭކަން ގާނޫނުއަސާސީގައިވެސް ބަޔާންކުރެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”ހާއްސަ ގޮތެއްގައި ރާއްޖޭގެ ސަރަހައްދީ އިމާއި ގުޅުންހުރި ކަންކަން ނިންމާއިރު ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭނެކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައިވޭ،“ ޝުޖާއު ވިދާޅުވިއެވެ.
އެގޮތުން، ސިޓީއެއް މެދުވެރިކޮށް ރައީސް ސޯލިހުގެ ދައުރުގައި ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލާފައިވާ ކަމަށާއި، އެކަން ކުރި ގޮތާމެދު ސުވާލު އުފެދޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުން ޔޫރަޕުގައި ގިނައިން އުޅުއްވާ ކަމަށް ފާހަގަކުރައްވައި، އެ ގައުމުތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ގޮތް އެނގެންވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. މިގޮތުން، ފިންލޭންޑުގައި މި އަހަރުގެ ތެރޭގައި އެކަނިވެސް ރައްޔިތުންގެ ހިޔާލު ހޯދުމުގެ 17 ވޯޓު ނަގާފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ މެމްބަރުންގެ މަސްލަހަތަށް ރަނގަޅުވުމުން ޔޫރަޕުގެ ވާހަކަތައް ދައްކާއިރު، އާންމު ހިޔާލު ހޯދުމުގެ މަސައްކަތްތަކާ ޖެހުމުން އެ ވާހަކަތައް ދެއްކުމަށް ދެކޮޅުހަދާ ކަމަށެވެ. އަދި އެމްޑީޕީން މި ގާނޫނު އަންނާނެކަމާމެދު ބިރުން އުޅެނީ އިންތިހާބުތަކުން ބަލިވެދާނެތީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

