”ހިތާ ހިތުގެ ގުޅުން“ ޖަހާފައިވާ ޓީޝާޓު ލައިގެން ލިބޭ މީހުންވެސް މީޑިއާތަކުގައި ނޫސްވެރިންގެ ގޮތުގައި ފެންނަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ނާޒިމް ވިދާޅުވީ، ސިޔާސީ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުންވެސް ނޫސްވެރިންގެ ގޮތުގައި ފެންނަމުންދާ ކަމަށެވެ. އެގޮތުން ”ހިތާ ހިތުގެ ގުޅުން“ ޖަހާފައިވާ ޓީޝާޓު ލައިގެން ލިބޭ މީހުންވެސް މީޑިއާތަކުގައި ނޫސްވެރިންގެ ގޮތުގައި ފެންނަމުންދާކަން ނާޒިމް ފާހަގަ ކުރެއްވިއެވެ.
އަޅުގަނޑަށް އެބަފެނޭ ހިތާ ހިތުގެ ގުޅުމެކޭ ކިޔާ ރީނދޫ ކުލައިގެ ޓީޝާޓު ލައިގެން ތިބޭ މީހުން ދެން މީޑިއާ މީހަކަށްވެގެން ނުކުމެ ވާހަކަ ދައްކާތަން. ކިހިނެއްތޯ އޭނާ މިނިވަން މުސްތަޤިއްލު ނޫސްވެރިއަކަށްވާނީ
ނާޒިމް ވިދާޅުވީ، ތެދުވެރިކަމާއެކު ނޫސްވެރިކަން ކުރާނަމަ އެކަންކަން އެހެން ވެގެން ނުވާނެކަމަށެވެ. އަދި އެކަން ރައްޔިތުންވެސް ޤަބޫލެއް ނުކުރާނެކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން، މަރުވެފައި ތިބޭ މީހުންގެ އަބުރަށްވެސް އަރައިގަންނަމުންދާ ކަމަށާއި، ގޭގެ ސިޓިންގ ރޫމްތަކުގައި ތިބެގެންވެސް މީހުންގެ އަބުރަށް އަރައިގަތުން އާންމުވެފައިވާ ކަމަށެވެ.
މީޑިއާ ކޮމިޝަން އެކުލެވިގެންވާ ގޮތާ ގުޅޭގޮތުން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ނާޒިމް ވިދާޅުވީ، ކޮމިޝަންގައި މީޑިއާގެ މެޖޯރިޓީ އޮންނާނެ ކަމަށާއި، ވީއިރު މީޑިއާގެ މެމްބަރުންނަކީ ދެން ތިބޭ 3 މެމްބަރުންނަށް ”ވިކިދާނެ“ ބައެއް ކަމުގެ ބިރު އޮތީތޯ ސުވާލު އުފެދޭކަމަށެވެ.
އޭގެ ތެރެއިން 4 މީހުންނަކީ މީޑިއާއިން އަންނަ މީހުންނޭ، ތި ވިދާޅުވާ ތެދުވެރި އިހުލާސްތެރި 4 މެމްބަރުންކަމަށްވަންޏާ، އެ މެމްބަރުން ދެން ތިބި 3 މެމްބަރުންނަށް ވިކޭނެއޭތޯ އެ ވިދާޅުވަނީ
މީގެ އިތުރުން، މީޑިއާ ބިލަކީ ނޫސްވެރިކަން ކުރިއެރުވުމަށްޓަކައި ހެޔޮ ނިޔަތުގައި އެކުލަވާލާފައިވާ ބިލެއްކަމަށާއި، މި ބިލަކީ މިނިވަން ނޫސްވެރިކަން މަރާލަން އުޅޭ ބިލެއް ނޫންކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވި ގޮތުގައި މިއީ އިންތަކެއް ކަނޑައަޅައި، މިނިވަންކަމާއި މުސްތައްގިލުކަމާއި އެކު ނޫސްވެރިކަން ކުރެވޭނެ މާހައުލެއް ގާއިމުވެގެންދާނެ ބިލެކެވެ.

