ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލުގައި މީޑިއާ މާނަކޮށްފައިވަނީ މި ހިނގަމުންދާ 16 އަހަރު ތެރޭގައިވެސް މީޑިއާ މާނަކޮށްފައިވާ ގޮތަށްކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެއެވެ.
މަތީން އެފަދައިން ވިދާޅުވީ ހޯމަ ދުވަހު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މަތީން ވިދާޅުވީ، އައު ބިލުގައި މީޑިއާ މާނަކޮށްފައިވަނީ މީގެ 16 އަހަރު ކުރިން 4 ނޮވެމްބަރ 2008 އިން ފެށިގެން ޢަމަލުކުރަމުން އަންނަ ޤާނޫނުގައިވެސް ”މީޑިއާ“ މާނަކޮށްފައިވާ ގޮތަށް ކަމަށެވެ. އަދި އެ މާނަ ކުރުމުގައި އަކުރަކަށް ފިއްޔަކަށްވެސް ބަދަލެއް ގެނެސްފައިނުވާކަމަށް މަތީން ވިދާޅުވިއެވެ.
އެހެންކަމުން ހަމަ އެގޮތަށް އާ ބިލެއްގައި އެބަސް މާނަކުރުމުން، މީޑިއާގެ މާނައިގެތެރޭގައި އާ ކަންތައްތަކެއް ހިމަނައިފިކަމަށް ބުނެ މަޢުލޫމާތު ފެތުރުމަކީ ރައްޔިތުންނަށް ދޮގުހެދުމާ އޮޅުވާލުމަކަށް ނުވޭތޯ މަތީން ވަނީ ސުވާލު ކުރައްވާފައެވެ.
މަތީން ޙަވާލާ ދެއްވާފައިވަނީ މިހާރު އަމަލު ކުރަމުން އަންނަ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނަށެވެ. އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި މީޑިއާގެ މާނައިގެ ތެރޭގައި ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހުނޫސްތަކަށާއި، ހަފްތާނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކަށާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށް މަޢުލޫމާތާއި، ޚަބަރާއި، ޚިޔާލާއި، އިޝްތިހާރު، ޢާންމުކޮށް ފެތުރުމަށްޓަކައި ގަންނަންލިބޭގޮތަށް، ނުވަތަ އަގަކާނުލައި ލިބޭގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށް ޝާއިޢުކުރެވޭ ޝާއިޢުކުރުންތައް ހިމެނޭނެއެވެ.
މިހާރު ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓަރީ ބިލުގައިވެސް ހިމެނިފައިވަނީ އެގޮތަށެވެ.
އެހެންނަމަވެސް މި ބިލާއެކު ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައިވެސް ހިޔާލު ފާޅުކުރުން މަނާވެގެންދާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.

