ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ސަރުކާރުން ހުށައެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިއީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިދިޔަ ޖުލައި 7 ގައި ހުށައެޅުއްވި ބިލެކެވެ.
ބިލު ފާސްކުރީ، މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއިން، ބިލު ދިރާސާކޮށް ގެނައި އިސްލާހުތަކުގެ މައްޗަށް ހުށައަޅުއްވާފައިވާ ރިޕޯޓަށް ބަހުސް ކުރެއްވުމަށް ފަހުއެވެ.
މި ބިލު ފާސްކޮށްފައިވަނީ 64 މެމްބަރުންގެ ވޯޓާއިއެކުއެވެ. ބިލާއި ދެކޮޅަށް ވޯޓު ދެއްވީ 12 މެމްބަރުންނެވެ.
ބިލުގައި ބުނެފައި ވަނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ހާލަތްތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމުވާ ހާލަތްތަކުގައި އެކަން ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ސޮއިކޮށް ނެރޭ ގަރާރަކުން ކަމަށެވެ. އަދި އެ ގަރާރުގައި އެއް މައްސަލައަކަށް ވުރެ ގިނަ މައްސަލައާއި ގުޅޭގޮތުން ވޯޓު ނެގުމަށް ކަނޑައެޅިދާނެކަމަށްވެއެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ މި ބިލު ކޮމިޓިން ފާސްކުރީ އިސްލާޙުތަކެއް ގެނައުމަށް ފަހުއެވެ. އެއީ ރާއްޖޭގެ ވަކި ސަރަހައްދަކަށް އަމާޒުކޮށް ވެސް ފެންނަ ނުފެންނަ ވޯޓު ނެގޭ ގޮތަށް ގެނައި ބަދަލާއި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ވޯޓު ނެގުމަށް މަޖިލީހުން ގަރާރު ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ގަރާރު ނެރޭ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެކަމަށް ބުނާ މާއްދާއަށް ގެނައި އިސްލާހެވެ. ކޮމިޓީން އެ މާއްދާއަށް ގެނައި ބަދަލުގައި ވަނީ 45 ދުވަހަށް ވުރެ މަދު މުއްދަތެއްގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ އިހުތިޔާރު އިލެކްޝަންސް ކޮމިޝަނަށް އޮންނާނެކަމަށެވެ.
މީގެއިތުރުން އިންތިހާބުގައި ރައްޔިތުންގެ ހިޔާލު ހޯދާކަމެއްގެ ގޮތް ނިންމާނީ ސައްހަ ވޯޓުގެ 50 އިންސައްތައަށްވުރެ ގިނައިން ލިބިގެންކަމަށް ބުނާ މާއްދާވެސް ހިމެނެއެވެ. މި ބަދަލުތަކާއި އެކު މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓިން ބިލު ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މި ބިލު ގާނޫނަކަށްވުމާއި އެކު، ގާނޫނުއަސާސީއަށް ގެނައުމަށް ސަރުކާރުން ގަސްދު ކުރާ ބަދަލުތަކަށް ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭނެ އެވެ. އޭގެ ތެރޭގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުން، އަދި ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތައް ހިމެނެއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކެޕް ކުރުން ވެސް ހިމެނެއެވެ.
ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދެ އިންތިހާބު އެއްކޮށްލުމާއި ގުޅޭ ބިލު މަޖިލީހުގެ އަންނަ ދައުރަށް ހުށަހަޅާނެކަމަށް ވިދާޅުވެފައެވެ.

