އަލީބާބާ އާއި ގުޅިގެން ކުރިއަށް ގެންދާ ވެބިނާރ މެދުވެރިކޮށް ބައިނަލްއަގުވާމީ މާކެޓަށް ނުކުތުމުގެ މަގު ފަހިވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
2030 ވަނަ އަހަރުގެ ނިޔަލަށް ކްރިއޭޓިވް އިކޮނޮމީން ރާއްޖޭގެ ޖީޑީޕީއަށް ހިއްސާކުރާ މިންވަރު 15 އިންސައްތަައަށް ހެދުމަށްޓަކައި ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ. މިގޮތުން ހުޅުވާލެވިގެންދާ ފުރުސަތުތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު އީކޮމާސް ޕްލެޓްފޯމްކަމަށްވާ އަލީބާބާ މެދުވެރިކޮށް ރާއްޖޭގެ ބީ2ބީ ކަސްޓަމަރުންނާއި ހިސާބަށް މުދާ ފޯރުކޮށްދިނުމުގައި މަގުފަހިވެގެންދާނެ އެވެ.
މިކަމާއި ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގައި ސައީދު ވަނީ ހާއްސަ ވެބިނާރ އެއް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަން ހާމަކުރައްވާފައެވެ. އަދި ވިދާޅުވީ މިހާރު 450 އަށްވުރެ ގިނަ ބައިވެރިން ހިމެނޭއިރު މީގެ ތެރޭގައި އެންޓަޕްރަނަރުންނާއި ސްޓާޓަޕުތަކުގެ އިތުރުން އޮންލައިން ޕްލެޓްފޯމްތަކާއި ލޮޖިސްޓިކް ޕްރޮވައިޑަރުން އަދި ޕޯސްޓުގެ ހިދުމަތްދޭ ފަރާތްތަކާއި ބެންކުތަކުގެ އިތުރުން ފްރައިޓު ކުންފުނިތައްވެސް ޝާމިލުވާކަމަށެވެ.
މިއިީ އިކޮނޮމިކް މިނިސްޓްރީން އަލީބާބާ އާއި ގުޅިގެން ހިންގާ ހަރަކާތެއްކަމަށް ބުނެފައިވެއެވެ. އަދި ބިޒްނަސް ސެންޓާރ ކޯޕަރޭޝަންވެސް ބައިވެރިވާއިރު އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވެބިނާރގެ އަމާޒަކީ ރާއްޖޭގެ ވިޔަފާރިތަކުގެ މައުލޫމާތު މުއްސަނދިކޮށް ސެލާރ އެކައުންޓުތައް ހުޅުވުން ފަދަ ކަންކަމަށް ބާރުވެރިކޮށް ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓަށް ވަނުމުގެ މަގުފަހިކުރުންކަމަށެވެ.

