ކީރިތި ގުރްއާން ހިތުދަސްކުރާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު، ރަމަޟާން މަހުގެ 27 ވިލޭރޭ ދެއްވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
މިގޮތަށް މި ހަމަޖެއްސެވީ، ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ރަސްމީކޮށް ސަނަދު ހަވާލުކުރައްވަމުން ގެންދަވަނީ، ރަމަޟާން މަހުގެ 27 ވިލޭރޭ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބާއްވަވާ ޖަލްސާގައި ކަމަށްވާތީއާއި، ކީރިތި ޤުރްއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން އެންމެ އެކަށީގެންވަނީ، އެ ޖަލްސާގައި ކަމަށްވާތީއެވެ.
ޙާފިޡުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު މިދިޔަ އަހަރު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
ހަމައެއާއެކު ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކޮށްފައިވާއިރު ހުޅުމާލޭގައި ކީރިތި ޤުރުއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައި ވެސް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ވަނީ ފަށާފައެވެ.
ޙާފިޡުން އުފެއްދުމަށް ސަރުކާރުންދޭ ހާއްސަ އަހަންމިއްޔަތުގެ ތެރެއިން 630 ދަރިވަރުން މިހާރުވެސް ދަނީ ކިޔަވަމުންނެވެ. އަދި ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ ޢިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ. މިއާއި އެކު ޙާފިޡުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި މި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
މީގެއިތުރުން ސަރުކާރުން އިސްނަގައިގެން މިސްކިތްތަކުގެ އިމާމުންގެ ޤުރުއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށް ”ތަޙްސީނުލް ޤުރުއާން“ ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ކުރިއަށްގެންދިއުމާ، ކީރިތި ޤުރުއާނުގެ ފަންނާ ހުނަރު ތަރައްޤީކޮށް ކުރިއަށްގެންދިއުމުގެ ގޮތުން ”މަޤާމާތުން ޤުރުއާނިލް ކަރީމް“ ގެ ނަމުގައި ޕްރްގުރާމެއް ދަނީ ހިންގަމުންނެވެ.
ސަރުކާރުން ވަނީ ދިވެހިރާއްޖޭގެ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ޒަމާނުއްސުރެ ޒަކާތު ފަންޑުން ކުރަމުންގެންދިޔަ މަސައްކަތެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނަވައި މި އަހަރުން ފެށިގެން އެ މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ހަރަދުކުރައްވައިގެން ކުރިއަށްގެންދާ މުބާރާތެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. އަދި މި މުބަރާތުގެ އިތުރުން ޙާފިޡުންނަށް ހާއްސަ މުބާރާތެއްވެސް މި އަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

