ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ އަދި ހާރިޖީ ފިޔަވަޅުތައް މެދުވެރިކޮށް އިސްރާއީލުގެ ލީޑަރުން ޖަވާބުދާރީކުރުވަން ރައީސް ގޮވާލައްވައިފި

އަރަބި-އިސްލާމިކް ސަމިޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ --- ފޮޓޯ/ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭވިފައިވާ ސިޔާސީ، އިގްތިސާދީ އަދި ޚާރިޖީ ފިޔަވަޅުތަކެއް މެދުވެރިކޮށް އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އިސްރާއީލުގެ ލީޑަރުން ޖަވާބުދާރީކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ޢަރަބި – އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ރައީސް ވިދާޅުވީ އެ ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްޙައަށް ދިން ހަމަލާއެއްކަމަށެވެ. އަދި އެ ހަމަލާއަކީ އެ ގައުމުގެ އިސްތިގުލާލަށް އަރައިގަތުންކަމަށާއި، އެއީ އަރަބި އަދި އިސްލާމީ އެންމެހައި ގައުމުތަކުގެ ކަރާމާތް ނަގާލުމަށް ދިން ހަމަލާއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޣައްޒާގެ މައްސަލައަށް ސުލްޙަވެރި ހައްލެއް ހޯދުމުގައި މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރާ ގައުމަކީ ގަތަރު ކަމަށް ރައީސް ފާޙަގަކުރެއްވިއެވެ. އެހެންކަމުން އެ ގައުމަށް ޙައްގުވަނީ، އެކުރާ މަސައްކަތުގެ އަގުވަޒަންކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިސްރާއީލުން މަސައްކަތްކުރަނީ ސުލްޙަ އަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅައި، ސަރަޙައްދީ ހަމަޖެހުމަށް ލޮޅުންއެރުވުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

އިސްރާއީލުން ގަތަރަށް ދިން އެ ހަމަލާއަކީ، ފަލަސްޠީނުގެ ބިންތައް އިސްތިޢުމާރު ކުރުމާއި، ފަލަސްޠީނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުން ކަމަށް ރައީސް ވިދާޅުވީއެވެ. އަދި އެއީ އާންމު ރައްޔިތުންނާއި ސިއްހީ ހިދުމަތްތެރިންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ހަމަލާދިނުން ހިމެނޭ ގޮތަށް، ފުޅާ ދާއިރާއެއްގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެއްކަމުގައި ރައީސް ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ އިސްރާއީލުން ހިންގާ އަމަލުތަކަށް ޖަވާބުދާރީވުމުން ރެކެން ފުރުސަތު ދޭ، ދެފުށްދެގޮތް މިންގަނޑުތައް ކުށްވެރިކުރައްވައި، ބައިނަލްއަގުވާމީ ގާނޫނު ހިންގާންވާނީ، ހުރިހާ ދައުލަތެއްގެ މައްޗަށްވެސް، ހަމަހަމަ ގޮތެއްގައި ކަމަށެވެ.

އިސްލާމީ އުންމަތުގެ އެއްވެސް ގައުމެއް، އެކަހެރި ހާލަތެއްގައި އުދުވާނަކާ ކުރިމަތިލާންޖެހިގެން ނުވާނޭކަމަށާއި ގަތަރުގެ ސަރުކާރާއި އުހުވަތްތެރި ރައްޔިތުންނަށް އެއްބާރުލުންދިނުން މަތީ ދިވެހިރާއްޖެ ދެމިއޮންނާނޭ ކަމުގައި ރައީސް ވިދާޅުވިއެވެ.

ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް މިހާރުން މިހާރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ބޮމުގެ ހަމަލާތައް ހުއްޓުވައި، ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް، ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނޭކަން ފާހަގަކުރައްވައި، ޤާނޫނާއި ޣައިރު ޤާނޫނާއި، އިންސާފާއި ނާއިންސާފާއި، ސުލްޙަ އާއި ނިރުބަވެރިކަމުންކުރެ އިޚުތިޔާރުކުރާނޭ ގޮތްތަކެއް، ދުނިޔެއިން ނިންމަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ގެންދަނީ، އިންސާނީ ކަރާމާތާއި، އިންސާފުގެ ދިފާޢުގައްޔާއި، އިސްތިޢުމާރާއި އަނިޔާގެ ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު ދިރިއުޅުމުގެ ޙައްޤަށް ގޮވާލައި އަޑުއުފުލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: