މީޑިއާ ބިލަށް ތާއީދުކުރައްވާކަން ހިއްސާކުރެއްވިކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ކުރެއްވި ތުހުމަތުތަކަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ރައްދު ދެއްވައިފިއެވެ.
މީޑިއާ ރެގިއުލޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ފާސްކުރި އިރު، އެ ބައްދަލުވުމާއި ގުޅުވައި ޝުޖާއު ވަނީ މީކާއިލްއަށް ތުހުމަތުތަކެއް ކުރައްވާފަ އެވެ. ޝުޖާއު ވިދާޅުވީ ކޮމިޓީގައި އޮތް ބިލާއި ދެކޮޅަށް މީކާއިލް ވާހަކަ ދައްކައި އަޑުއުފުލި ނަމަވެސް، ވޯޓު ބަރުހަލާގައި ވޯޓު ދީފައި ނުވަނީ ހަގީގަތުގައި ތާއީދު ކުރާތީ ކަމަށެވެ.
ބިލު ފާސްކުރި ވަގުތު މީކާއިލް ހުންނެވީ ކޮމިޓީ ހިނގި ފްލޯގައި ނަމަވެސް އިދާރީ މޭޒުން އޭނާއަށް ތަކުރާރުކޮށް ގުޅުމުން، ކޮމިޓީއަށް ވަޑައިނުގެންނެވިކަމަށް ޝުޖާއު ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވީ، މީކާއިލް ވަޑައިގެންނެވީ ކޮމިޓީ ނިމުނުފަހުންކަމަށާއި ބިލަށް ތާއީދު ކުރައްވާކަމަށް އޭނާ ހިއްސާކުރެއްވިކަމަށެވެ. ނަމަވެސް އޭގެ ފަހުން މަޖިލީހުން ނުކުމެވަޑައިގެން މީޑިއާތަކަށް އިންޓަރވިއު ދެއްވިއިރު ފުރުސަތު ނުލިބުނުކަމަށް ދޭހަވާގޮތަށް ވާހަކަ ދެއްކެވިކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ، ކޮމިޓީގެ އިދާރީ މޭޒު މެދުވެރިކޮށް މިކަން މީޑިއާތަކުން ސާފުކުރުމަށް އެދޭ ކަމަށެވެ. އަދި މަޖިލީހުގެ ސީސީޓީވީ ކެމެރާ ރެކޯޑިންގްތައް ހޯދުމަށް ވެސް އެދިވަޑައިގަންނަވާކަމަށާއި އޭރުން މި ވާހަކަތަކުގެ ތެދު ހަގީގަތް ހާމަވެގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ، މީޑިއާ ބިލަށް އެމްޑީޕީން ތާއީދު ކުރާކަމަށާއި ނަމަވެސް ދައްކަމުންދަނީ އެހެން މަންޒަރެއްކަމަށެވެ.
ޝުޖާއުގެ ތުހުމަތުތަކާއި ގުޅޭގޮތުން ”ސަންގު“ އިން މީކާއިލްއާއި ސުވާލު ކުރުމުން މެމްބަރު ވިދާޅުވީ، ޝުޖާއު ހެއްދެވީ ”ވަރަށް ބޮޑު ދޮގެއް“ ކަމަށެވެ. އަދި އެއީ ހަވީރުގެ 05:00 ހާއިރަށް ގަޑި ކަނޑައަޅާފައިވާ ކޮމިޓީއަކަށް ވާތީ، ބައްދަލުވުމުގެ ތާވަލުގައިވާ ގޮތަށް މާލަމަށް ވަޑައިގެންނެވިކަމަށް މީކާއިލް ވިދާޅުވި އެވެ.
ނަމަވެސް އެވަގުތު ކޮމިޓީ ކޮޓަރިއަށް ޕީއެންސީގެ އެއްވެސް މެމްބަރަކު ވަޑައިގެންފައިނުވާކަން ފާހަގަކުރައްވައި މީކާއިލް ވިދާޅުވީ މެމްބަރުން ވަޑައިގަންނަވާތޯ އެތަނުގައި ގިނަ ވަގުތު ހުންނެވި ކަމަށެވެ. އަދި ސީސީޓީވީއަށް ބެލެމުން ގަޑިއަށް ވަޑައިގެންނެވިކަން އެނގޭނެކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ، އިދާރީ މުއައްޒަފުން ގުޅުއްވީ 17:25 އަދި 17:26 ގައި ދެ ވަގުތުގައި ކަމަށެވެ. އަދި އެއީ ފާހަނާއަށް ވަޑައިގެންނެވި ވަގުތެއްކަމަށާއި، ފޯނު ބެއްލެވުމަށްފަހު ކޮމިޓީގައި ބައިވެރިވެވަޑައިގަތުމަށް ކަނޑައެޅިފައިވާ ފްލޯއަށް ދިޔަ ވަގުތު ޕީއެންސީގެ މެމްބަރުން ކޮމިޓީ ރޫމުން ނިކުންނަ މަންޒަރު ފެނުނުކަމަށް މީކާއިލް ވިދާޅުވި އެވެ.
މީކާއިލް ވިދާޅުވީ ކޮމިޓީ ނިންމާލީތޯ ސުވާލުކުރުމުން، ކޮމިޓީ ބައްދަލުވުން ނިންމާލީކަމަށް މެމްބަރުން ބުނި ކަމަށެވެ. އެހެންވެ އެތަނުގައި އޭނާ ހުންނެވުމަށްފަހު ވަޑައިގެންނެވި ވަގުތު ކޮމިޓީ ފަށައި 20 މިނެޓަށްވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބައްދަލުވުން ނިންމާލީ ކޮމިޓީގައި ބައިވެރިނުކުރުމުގެ ނިޔަތުގައިކަމަށް ދެކޭކަމަށް މީކާއިލް ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ، ކޮމިޓީގައި ޕީއެންސީގެ އަޣުލަބިއްޔަތެއް އޮތުމުން ވޯޓު ނުދެއްވިޔަސް ދެއްވިޔަސް ފާސްކުރާނެކަމަށެވެ. އެހެންކަމުން ގަސްތުގައި ކޮމިޓީއަށް ވޯޓު ނުދިންކަމަށް އެއީ ހަމަޖެހޭ ވާހަކައެއް ނޫންކަމަށް ވިދާޅުވި އެވެ.

