މީޑިއާ ބިލަށް ނޫސްވެރިން ބޭނުންވާ އިސްލާޙުތައް މިހާރު ގެނެވިފައިވާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އެފަދައިން ވިދާޅުވީ މީޑިއާ ބިލާ ގުޅޭގޮތުން ބޭއްވި ”މީޑިއާ ފޯރަމް“ ގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، ނޫސްވެރިންގެ ފަރާތުން މީޑިއާ ބިލަށް ހުށައެޅި ހުރިހާ ކަންބޮޑުވުމެއް އަޑުއައްސަވާފައިވާނެ ކަމަށާއި، ބަންޑާރަ ނައިބާއެކު މަޝްވަރާކޮށްގެން އެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ކޮމިޓީން ފާސްކުރި ބިލުގައި ނޫސްވެރިންގެ ހުރިހާ ކަންބޮޑުވުމަކަށް ހައްލު ހިމެނިފައިވާނެކަމަށެވެ.
މީގެ އިތުރުން، ބިލަށް ގެންނަން ބޭނުންވާ އިސްލާޙުތަކާ ގުޅޭގޮތުން ނޫސްވެރިންގެ ހިޔާލު ހޯދުމަށް މަސައްކަތް ކުރެވިފައިވާ ކަމަށާއި، ނަމަވެސް ނޫސްވެރިން ބޭނުންވީ ބިލު ”ޕާކުކޮށްފައި“ ބޭއްވުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެގޮތަށް ބިލު ބާއްވަން ޖެހޭ ސަބަބެއް ނެތްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ނޫސްވެރިން ބޭނުންވި އިސްލާޙުތައް ގެނެވިފައިވާ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މިހާރު ގެނެވިފައިވާ އިސްލާޙުތަކާއެކު، ނޫހެއްގެ ލައިސަންސް ހިފެހެއްޓުމާ ގުޅޭ ފިޔަވަޅެއް އަޅާނީ އެ މައްސަލައެއް ބެލުމަށްފަހު ކަމަށާއި، އެއީވެސް ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކާއެކު ގެނެސްފައިވާ އިސްލާޙެއް ކަމަށެވެ.
ބުނި ހުރިހާ އިސްލާހެއް ގެނެވިއްޖެ. ނޫސްވެރިން ބުނި މީޑިއާގެ މައްސަލަ ބަލަމުންދާއިރު، މީޑިއާގެ ލައިސަންސް ހިފަހައްޓައިގެން ނުވޭނޭ. އެ މާއްދާވެސް ނަގައިފިން. މައްސަލަ ބަލައި ނިމުނީމަ މިހާރު ފިޔަވަޅެއް އަޅާނީ
މިނިސްޓަރ ވިދާޅުވީ، މީޑިއާ ބިލާ މެދު އެކި ނޫސްވެރިން ޚިޔާލު ތަފާތުވި ނަމަވެސް، އެއްވެސް މީހެއްގެ ކަރާމާތަށް އަރައިގަތުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، މަޝްވަރާކޮށްގެން ބިލަށް ލިބޭ ކޮންމެ ހައްލެއްގެ ފައިދާކުރާނީ ނޫސްވެރިންނަށާއި ރައްޔިތުންނަށްކަމަށެވެ.

