މަޖިލިސް މެމްބަރުން ވީއައިޕީ ބޭނުންކޮށްފައިވާ ގޮތުގެ ތަފްސީލުތައް ޚަބަރުތަކުގައި ގެނެސްދީފައިވަނީ ހަގީގަތް އޮޅޭގޮތަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް އެފަދައިން ވިދާޅުވީ ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އާރްޓީއައި ހުށަހެޅުމުން މަޖިލިސް މެމްބަރުން ވީއައިޕީ ބޭނުންކޮށްފައިވާ ގޮތުގެ ތަފްސީލުތައް ހިއްސާކޮށްފައިވާ ކަމަށާއި، އެއާއެކު އެ ވާހަކަތައް މީޑިއާތަކުންވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ލިސްޓަށް އަލިއަޅުވާލައްވާ ނާޒިމް ވިދާޅުވީ، ލިސްޓުގެ ކުރީގައި އޮތީ އޭނާގެ ނަން ކަމަށެވެ. ނަމަވެސް އެ ޚަބަރުތަކުގައި ހިމެނެނީ ހަގީގަތާ ޚިލާފު ވާހަކަތައްކަމަށް ނާޒިމް ވިދާޅުވިއެވެ.
އަޅުގަނޑު އޮތީ އެއްވަނައިގައި އިނގޭތޯ،
ނާޒިމް ވިދާޅުވީ، މަޖިލީހުގެ ނައިބްރައީސްގެ ޙައިސިއްޔަތުން ސެކިއުރިޓީ ލިބިދޭ ކަމަށާއި، އެހެންކަމުން ނައިބްރައީސް ކުރައްވާ ދަތުރުތަކުގައި ސެކިއުރިޓީންވެސް ބައިވެރިވާނެ ކަމަށެވެ. އަދި ރާއްޖެތެރޭގެ އަތޮޅުތަކަށް ކުރައްވާ ރަސްމީ ދަތުރުތަކުގައިވެސް މަޖިލީހުގެ ޕްރޮޓޮކޯލް މުވައްޒަފުން ބައިވެރިވާނެކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ ހުރިހާ ދަތުރުތަކެއްވެސް ހިމެނޭނީ އޭނާގެ ނަމުގެ ދަށުން ކަމަށެވެ.
ދެން މުރާލި، ހީވާގި މީހުންނަށް ދަތުރު ކުރެވޭނީވެސް، ނަމަވެސް އެއީ ސްޕިންއެއް
މީގެ އިތުރުން، އެ ޚަބަރުތައް މީޑީއާތަކުން ގެނެސްދީފައި އޮތީ ހަގީގަތް އޮޅޭ ގޮތަށްކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުން ވީއައިޕީ ލައުންޖު ބޭނުން ކޮށްގެން މިއަހަރުގެ މިހާތަނަށް ރައްޔިތުން މަޖިލީހުގެ ބަޖެޓުން 1.4 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަން ދާދި ފަހުން ވަނީ ހާމަވެފައެވެ. އެ މައުލޫމާތުތަކަށް ބަލާއިރު އެންމެ ގިނައިން މަޖިލީހުގެ މެންބަރުންގެ ތެރެއިން ވީއައިޕީ ލައުންޖު ބޭނުން ކުރައްވާފައިވަނީ މެމްބަރު ނާޒިމްއެވެ.
ނާޒިމްގެ ދަތުރުތަކުގެ ހަރަދަށް 116،099.18 ރުފިޔާ ހަރަދުވެފައިވެއެވެ.

