ތުޅާދޫ ދާއިރާގެ މެމްބަރު ޢަބްދުލްޙަންނާން އަބޫބަކުުރު ހުށައެޅުއްވި ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ“ ބިލު އިސްލާހުތަކާއިއެކު މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ.
ދައުރުން ބޭރުން ބޭއްވި ހާއްސަ ޖަލްސާގައި ތަޅުމަށް ހުށަހެޅުއްވުމުން މަޖިލީހުގެ 60 މެންބަރުންގެ ވޯޓުން ވަނީ ބިލު ފާސްކޮށްފައެވެ. ބިލު ފާސްކުރަން ނުފެންނަކަމަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
މިބިލަށް އެމްޑީޕީގެ މަޖިލިސް މެމްބަރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު 2 އިސްލާހެއް ހުށަހެޅުއްވިއެވެ. ނަމަވެސް ވޯޓަށް އެހިވަގުތު މެމްބަރުގެ ނަން އިއްވައި ތަޅުމުން ނެރެފައިވުމުން އެއިސްލާހުތައް ހުށަހެޅޭގޮތް ނުވިއެވެ. މިބިލަށް ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ތަޅުމުގައި ހުށަހެޅުއްވި 4 އިސްލާހުވެސް ވަނީ ފާސްކޮށްފައެވެ.
”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ“ ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ ހޯމަ ދުވަހުއެވެ. މަޖިލީހުގެ ގަވާއިދުގެ ދަށުން ކޮމިޓީން ބިލު ފާސްކޮށް ބިލުގައި ގާނޫނުއަސާސީއާ ނުވަތަ އެއްވެސް ގާނޫނަކާ ތައާރުޒުވާ ކަމެއް އޮތްތޯ ބެލުމަށް ކައުންސެލް ޖެނެރަލަށް ފޮނުވިއެވެ. ކައުންސެލް ޖެނެރަލް ވަނީ ގާނޫނުއަސާސީއާއި އަދި ގާނޫނަކާއި ތައާރުޒުވާ ކަމެއް ބިލުގައި ނެތްކަމަށް ވިދާޅުވެފައެވެ.
މި ބިލު ފާސްކޮށްފައިވާއިރު، ނޫސްވެރިންނާއި އެމްޑީޕީގެ މެމްބަރުން ދިޔައީ މަޖިލީސް ކައިރީގައި މުޒާހަރާ ކުރަމުންނެވެ. ބިލު ބޭރު ކުރުމަށް ގޮވާލާ، މިއީ ކޮންޓްރޯލް ބިލެއް ކަމަށް މުޒާހަރާގެ ބައިވެރިން ދިޔައީ ގޮވާލަމުންނެވެ.

