މީޑިއާ ބިލު ފާސްކުރުމުން ހާމަވީ، މި ސަރުކާރުން ޑިމޮކްރަސީގެ ހަމަތަކަށް އިހުތިރާމު ނުކުރާނެކަންކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ސާލިހު މީޑިއާ ބިލު ފާސްކުރި ދުވަސް ފާހަގަކޮށްފައި ވަނީ، ރާއްޖޭގެ ޑިމޮކްރަސީގައި ހިތާމަވެރި ދުވަހެއްގެ ގޮތުގައެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ބިލުގެ މަސައްކަތް ކުރިއަށް ދިޔައީ އަވަސް އަރުވާލައިގެންކަމަށް ފާހަގަކުރެއްވިއެވެ.
މި ބިލު ތަސްދީގުވެގެން އައުމާއިއެކު، ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަން ނިމުމަކަށް އަންނާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ސަރުކާރުން ބިލު މަޖިލީހަށް ހުށައަޅާ، ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު ގޮތެއްގައި، ރައްޔިތުންނަށް އޮޅުވާލައިގެން ކަން ކުރާ އުސޫލުންކަމަށް ފާހަގަކުރައްވާފައިވެއެވެ.
ބިލާއި ދެކޮޅަށް، ނޫސްވެރިންނާއި، އިދިކޮޅު ސިޔާސީ ޕާޓީތައް އަދި މީޑީއާތަކުންނާއި، އާންމުންވެސް މުޒާހަރާ ކޮށްފައިވާއިރު، ސަރުކާރުން އެކަންކަމަށް ދީފައިވަނީ ބީރު ކަންފަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިކަމުގެ ސަބަބުން މި ސަރުކާރަކީ އެއްވެސް ވަރަކަށް ޑިމޮކްރަސީގެ ހަމަތަކަށް އިހުތިރާމުކުރާ ސަރުކާރެއް ނޫންކަން ހާމަވާކަމަށް ފާހަގަކޮށް ރައީސް ސާލިހު ވިދާޅުވީ، އެމްޑީޕީއިން އަބަދުވެސް ހައްގަށް ވަކާލާތުކުރާނެކަމަށެވެ. ސިޔާސީ ހައްގުތަކަށްވެސް ވަކާލާތުކުރާނެކަން ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީއިން އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައިކަމަށް ވިދާޅުވިއެވެ.

