ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނާއީ ސަރަޙައްދާއި މެދު ދެ ސަރުކާރުގެ ވިސްނުން!

ސިނާއީ ސަރަހައްދު. ފޮޓޯ: މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސެޕްޓެންބަރު 19 ވީ ހުކުރު ދުވަހުގެ ރޭ ކެމިކަލް ގުދަންކޮށްފައިހުރި ގުދަނެއްގަިއ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ސަރުކާރުތަކުން މިކަމަށް އިހުމާލުވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކެމިކަލް ފަދަ އަލިފާން ހިފާ ޒާތުގެ އާލާތްތަށް ރައްކާކޮށްފައި ހުރި ގުދަންތަށް ތޮއްޖެހުިފައިވާ މާލޭގެ އާންމުން ދިރިއުޅޭ ތަންތަނާއި ދުރަށް ފޮނުވާނެ ވަގުތު އަދިވެސް ނުޖެހެނީތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މިހާދިސާއާއެކު ގިނަ ބައެއްގެ ސަމާލުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން މާލޭގެ ހުޅަނގު ދެކުނު ފަޅުތެރެއިން 6.9 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކޮށްފައިވާ އިންޑަސްޓްރިއަލް ވިލެޖް ނުވަތަ ސިނާއީ ސަރަޙައްދު އެވެ. އެތަން ހުހަށް އޮތަތީ ގިނަ ބައެއްގެ ފާޑުކިޔުން މިސަރުކާރަށް އަމާޒުވެސް ވިއެވެ.

އިންޑަސްޓްރިއަލް ވިލެޖާއި ގުޅޭގޮތުން ދެ ސަރުކާރުގެ ވަޒީރުންގެ ހިޔާލުތަށް އަންނަން ފެށީ މިހާހިސާބުންނެވެ.

މާލޭ ސިނާއީ ސަރަޙައްދު. ފޮޓޯ: އަވސް އޮންލައިން

އިންޑަސްޓްރިއަލް ވިލެޖް ނުވަތަ ސިނާއީ ސަރަޙައްދަށް ބަލާއިރު މި ތަނަކީ ކެމިކަލް، ލަކުޑި، ވަސްދުވާ ކާބޯތަކެތި ގުދަން ކުރުމަށް ހަދާފައިވާ ގުދަންތަކާއި ވޯކްޝޮޕްތަކާއި ތެޔޮ އަޅާ ތަންތަން ގާއިމުކުރަން ތަރައްޤީ ކުރި ތަނެކެވެ.

މި މަޝްރޫޢު ފެއްޓުމުގައި އެންމެ އިސްކޮށް އުޅުއްވި ރައީސް ޔާމިންގެ ސަރުކާރުގެ ހައުސިން މިނިސްޓަރ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވާ ގޮތުންނަމަ މިއީ ހުރިހާ ގޮތަކުންވެސް ނަފާ ލިބޭނެ ފަދަ މަޝްރޫއެކެވެ.

މުއިއްޒު ވިދާޅުވީ ސިނާއީ ސަަރަޙައްދުން ދޫކޮށްފައިވާ ބިންތަކުން ލިބޭ ކުލިން 5 އަހަރުތެރޭގައި ދައުލަތުން ކޮށްފައިވާ ހޭދަ އަނބުރާ ލިބޭނެ ކަމަށާއި މިއީ ދައުލަތަށް އާމްދަނީ ލިބޭނެ ސަރަޙަށްދެއް ކަމުގައި ވެގެން ދާނެ ކަމަށެވެ.

މާލޭ ސިނާއީ ސަރަޙައްދު ސީވިއު

މި މަޝްރޫއުގެ އެއްބަސްވުމުގެ ދަށުން 18 ބުރީގެ ޕާކިންގ ބިލްޑިންގެ އެއްގެ އިތުރުން ވޯކްޝޮޕްތަކާއި މަލްޓި ސްޓޯރީ ވެއަރ ހައުސްތަކަށް ހާއްޞަ ކޮށްގެން 5 އިމާރާތެއް އެޅުމަށް ހަމަޖެހިފައިވެއެވެ.

ޕާކިންގ ބިލްޑިންގ ނުލައި މި އިމާތްތަކުގައި ޖުމްލަ 1.2 މިލިއަން އަކަފޫޓްގެ ސަރަހައްދެއް ވޯކްޝޮޕްތަކާއި ވެއަރ ހައުސްތަކަށް ހާއްޞަ ކުރެވިގެންދާނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ވޯކްޝޮޕްތަކާއި މަލްޓި ސްޓޯރީ ވެއަރ ހައުސިންގ އަށް ހާއްޞަ ކުރެވިގެންދާ 650000 އަކަފޫޓްގެ ސަރަހައްދާއި ކޮންސްޓްރަކްޝަން މެޓީރިއަލް ރައްކާކުރާ ވެއަރ ހައުސްތަކަށް ހާއްޞަ ކުރެވިގެންދާ 480000 އަކަ ފޫޓްގެ ސަރަހައްދެވެ.

މާލޭ ސިނާއީ ސަރަޙައްދު ބެހުމަށް ހަމަޖެހިފައިވާ ގޮތް

މުއިއްޒު ވިދާޅުވީ މާލޭގެ 17 ބްލޮކެއް ސިނާއީ ސަރަޙައްދަށް ބަދަލުކުރުމަށް އޭރު ސަރުކާރުން ޕްލޭންކޮށްފައިވާ ކަމަށާއި ސަރުކާރުގެ ކުންފިނަތާކާއި އަމިއްލަ ކުންފުނިތަށް ހިމަނައިގެން 17 ކުންފުންޏެއް ސިނާއީ ސަރަޙައްދަށް ބަދަލުވުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އަދި މާލެއިން ހުސްކުރެވިފައިވާ 17 ބްލޮކްތަކަކީ ޕާކުތަކާއި ގްރީން ސްޕޭސް ހެދުމަށާއި ރެކްރިއޭޝަނަލް ސްޕޭސްގެ ގޮތުގައި ހެދުމަށް އޭރުގެ ސަރުކާރުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއަށްފަހު ޗެނަލް 13ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ ސިނާއީ ސަރަހައްދަކީ ދުރާލައި ވިސްނައިގެން، ޕްލޭން ކުރެވިގެން ހިންގި މަޝްރޫއެއްކަމަށެވެ. އަދި ސިޔާސި ވިސްނުން ދޫކޮށް ރައްޔިތުންނަށް އެންމެ ރަނގަޅު ޕްލޭން އާއި އެއްކޮށް ކުރިއަށް ދިޔުމަށް މުއިއްޒު ގޮވާލެއްވިއެވެ.

މުއިއްޒު ކުރަހާލަދިން މި ތަސްވީރާއި މި ސަރުކާރުގެ ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމްގެ ވިސްނުމާއި ވަރަށްވެސް ތަފާތެވެ. މިނިސްޓަރ އަސްލަމްގެ ވިސްނުންފުޅުގައި ހުރި ގުދަންތަށް މާލެއިންވެސް ބޭރުކުރުމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އަސްލަމް ވާހަކަދައްކަވަނީ. ފޮޓޯ: ސަންގު

އަލިފާނުގެ ޙާދިސާއަށްފަހު ސަރުކާރުގެ އިދާރާތަކުގެ ވެރިންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ 186 މިލިއަން ރުފިޔާއަށް ސިނާއީ ސަރަޙައްދު ތަރައްޤީ ކުރުމުގެ ޑޮކިއުމެންޓްތަކެއްް ފެންނާން އެބަހުރި ކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖު ހެދުމަށް މާލޭގެ ދެކުނު ފަރާތު ބަނދަރު ބަންދުކުރުމަށްފަހު ނެރެއް އަޅާފައިވާ ކަަމަށެވެ. އެ ނެރު ހެދިއިރުވެސް އެތަން ދިރާސާ ކުރި ޖަޕާނުގެ ޓީމުން އެއީ ބަނދަރެއް ހެދުމަށް ރައްކާތެރި ތަނެއް ނޫން ކަމަށް ބުނެފައިވަނިކޮށް ނެރެއް ހަދާ އެތަން ހިއްކުމުން ކަން ހިނގަމުންދާގޮތް ވަރަށް ސާފުކޮށް އެބަ ފެންނަކަމަށް އެ ނެރާއި ހެދި ބަޔަކަށް ގެއްލުންތަކެއް ލިބެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަނެއް ވާހަކައަކަށް މިނިސްޓަރ ވިދާޅުވީ ހުޅުމާލެ ތަރައްޤީކޮށް މާލެއާއި ހުޅުމާލެ ބުރިޖަކުން ގުޅާލާފައިވާިއރު ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކާ ނިމިފައިވާ ކަމަށެވެ.

މިނިސްޓަރ އަނެއްކާވެސް ކުރެއްވީ ސުވާލެކެވެ.

“މާލެއާއި ހުޅުމާލެ މިއީ އެއްތަނެއްގެ ގޮތުގައި ދެކޭ ކަމަށްވަންޏާމު މާލޭގެ ތަންކޮޅެއް ހިއްކައިގެން ތޯއޭ އެކަން ކުރަންވަނީ؟ ހުޅުމާލެ ފެކްޓްރީ ނުވީ ކީއްވެތޯ؟ ތިލަފުށި ފެކްޓްރީ ނުވީ ކީއްވެތޯ؟” “ތިލަފުށި ވަކިން އޮތީމަ ފަހަރެއްގެ ފެކްޓްރީ ނުކުރި ނަމަވެސް ހުޅުމާލޭގެ ބްރިޖް އޭރު އަންނަނީ ނިމެމުން. 186 މިލިއަން ޑޮލަރުގެ ބިލްޑިންގ އެއް އެޅުމަށް މަސައްކަތް ކުރަމުން ދިޔައި ކީއްކުރަންތޯ؟”

މާލޭގެ ބޮޑު ތަކުރުފާނު މަގުގައި ސިނާއީ މަސައްކަތްތަކެއް ކުރަން ފެށުމުން ޓްރެފިކަށް ވާނެ ގޮތާއި މެދު ވިސްނާލުުން މުހިންމުކަމަށް މިނިސްޓަ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަގެ ވާހަކުފުޅުގައި ނޫސްވެރިން 2000 ވަނަ އަހަރުގެ ކުރީ ކޮޅު މާލޭގެ ހުޅަނގު ހާބަރުގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާއަށް ގެންދިޔައެވެ. އަލިފާނުގެ އެހާދިސާގައި 6 އުޅަނދެއް އަނދާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއީ މީހުން ދިރިނޫޅުނަސް އާންމުން ތޮއްޖެހިފައިވާ ސަރަޙައްދެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ހާދިސާގެ އަލިފާނުގެ ނިޝާންތަށް ކަޅުތުއްކަލާ ކޮށިން އަދިވެސް ފެންނަން އެބަހުރި ކަމަށެވެ.

ކުރީގެ ސަރުކާރުން ސިނާއީ ސަރަޙައްދު ޕްލޭންކޮށްފައި އޮތީ އެންމެ ރަނގަޅަށް ތޯ ވިދާޅުވެ މިނިސްޓަރ އަނެއްކާވެސް ސުވުާލުކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރަށް ފެންނަ ގޮތުގައި އެއީ އެންމެ އެދެވޭ ގޮތަށް ހިންގާފައިވާ މަޝްރޫއެއް ނޫން ކަމަށެވެ.

“އިންޑަސްޓްރިއަލް ވިލެޖުގެ ގޮތުގައި އަޅުގަނޑުމެންނަށް އިންހެރިޓްވެފައިވަނީ ޖަންކްޔާޑެއް”

އެތަނުގެ ބޭނުން ހިފުމަށްޓަކައި އެތަން ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއީ ދެ ސަރުކާރުގެ ވަޒީރުން އަލިފާނުގެ ހާދިސާއާއި ގުޅިގެން ވިދާޅުވި ވާހަކަތަކެވެ. ކޮންމެ ގޮތެއް ވިޔަސް މާލެއަކީ ތޮއްޖެހިފައިވާ ތަނަކަށް ވާއިރު މިނިސްޓަރ އަސްލަމް ވިދާޅުވި ގޮތަށް ސިނާއީ ސަރަޙައްދެއް މާލޭގައި ތަރައްޤީ ކުރުމަކީ އެންމެ ރަނގަޅު ނިންމުމުގެ ގޮތުގައި އަޅުގަނޑަކަށް ނުވިސްނެއެވެ.

ފަހަރުގައި ހުޅުމާލެއަށް ސިނާއީ ސަރަޙައްދު ބަދަލުކުރުމީ ވިޔަފާރިވެރިންނަށް ތަކުލީފަކަށް ވެދާނެއެވެ. ނަމަވެސް އާންމުންގެ ސަލާމަތާއި ރައްކާތެރިކަން މާ މުހިންމު ކަމަށް ފެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: