މީޑިއާ ބިލު ފާސްކުރުމާއިއެކު، ބުރަ މަސައްކަތުން ގެނައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިވެގެން ގޮސްފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން މީޑިއާ ބިލް ފާސް ކުރުމަކީ ރާއްޖެއަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. މި ބިލް ފާސްކުރުމާ ގުޅިގެން އެތައް ވޭނަކާއި ބުރަ މަސައްކަތުން އަދި އެކަނިވެރިކަމެއްގެ ތެރެއިން ހޯދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ހުރިހާ ރައްޔިތުން ސްޓޭންޑެއް ނަގަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު، ހުށައެޅުއްވި ބިލެކެވެ. މަޖިލީހަށް ބިލު ހުށައެޅިއިރު ހުރި ގިނަ ކަންތައްތަކަށް ވަނީ ބަދަލު ގެނެސްފައެވެ. ދައުރުން ބޭރުން ޖަލްސާއެއް ބިލު ފާސްކުރުމަށް އެހި ވޯޓާއި އެއްކޮޅަށް ވޯޓުދެއްވީ 60 މެންބަރުންނެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ. ބިލު ފާސް ކުރަން ނުފެންނަކަމަށް ވޯޓު ދެއްވި ހަމައެކަނި މެމްބަރަކީ ވެލިދޫ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އައްބާސްއެވެ.
ބިލަށް ގެނައި ބައެއް އިސްލާހުތަކުގެ ތެރޭގައި:
އިސްލާމްދީނާ ޚިލާފު ވާހަކަތައް ފެތުރުމާއި، އަހުލާގީގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި، ފާހިޝް އަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރުން ހިމެނުން.
ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްއާއި، އަދި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާ އިސްލާހުކުރުން.
ސިޔާސީ ޕާޓީއެއްގެ މަގަމެއްގައި ހުރުން މަނާކުރުމުގެ ބަދަލުގައި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ހިމަނައި، 18 ވަނަ މާއްދާގެ (ޅ) އިސްލާހުކުރުން.
ސަރުކާރުން ބުނާ ގޮތުގައި މި ބިލު ފާސްކޮށްފައި މިވަނީ ނޫސްވެރިން އެދުނު އިސްލާހުތައް ގެނައުމަށް ފަހުއެވެ.

