ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްކާތެރި ނޫން ފަރުވާގެ ސަބަބުން އަހަރަކު 3 މިލިއަނެއްހާ މީހުންގެ ފުރާނަ ގެއްލޭ: ނާޒިމް

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްކާތެރި ނޫން ފަރުވާގެ ސަބަބުން އަހަރަކު މުޅި ދުނިޔޭގެ 3 މިލިއަނެއްހާ މީހުންގެ ފުރާނަ ގެއްލޭކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެފަދައިން ވިދާޅުވީ ދުނިޔޭގެ ބަލި މީހުންގެ ރައްކާތެރިކަމަށް މަސައްކަތް ކުރާ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ ވިދާޅުވީ، ދުނިޔެއަށް އުފަންވާ ކޮންމެ ކުއްޖަކަށްވެސް ރައްކާތެރި، ފެންވަރު ރަނގަޅު ފަރުވާއެއް ލިބޭނެކަން ކަށަވަރުކުރުމަކީ އެންމެންގެވެސް ޒިންމާއެއް ކަމަށެވެ.

މީގެ އެންމެ މުހިންމު އެއް އަސާސަކީ ރައްކާތެރިވެވޭނެފަދަ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުންކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިދުވަސް ފަހާގަކުރުމަށް މިބާއްވާ ޙަފްލާގައި މި ދާއިރާ ހަރުދަނާކުރުމަށް މުހިއްމު ކަންތައްތަކެއް ފެށިގެންދާނެކަމަށެވެ.

އޭގެ ތެރެއިން އެއް ކަމަކީ ލައިސަންސިން ސޮފްޓްވެއަރ އިފްތިތާޙް ކުރުމެވެ. އެގޮތުން ސަރުކާރުން އަމާޒު ހިފަފައިވާ ޑިޖިޓަލް މޯލްޑިވްސް 2.0 ސިޔާސަތު ތަންފީޒު ކުރުމަށް ހެލްތް ސެކްޓަރ ކުރަންހުރި ކަންތައްތަކުގެ ތެރެއިން އެއްކަންތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްލެޓްޕޯމްގެ ޒަރީއާއިން ދިވެހިރާއްޖޭގައި ޚިދުމަތްދޭ މަރުކަޒުތަކުގެ ރަޖިސްޓްރީ، އޮޕަރޭޓިންގ ލައިސަންސް އަދި ހެލްތް ޕްރޮފެޝަނަލްސްގެ ލިސްޓް ޑިޖިޓަލައިޒް ވެގެންދާނެ.

މީގެ އިތުރުން، ޕޭޝަންޓް ސޭފްޓީ ޕާތްވޭސް 3 ހޮސްޕިޓަލުގައި އިފްތިތާޙް ކުރުމާއި، ޕޭޝަންޓް ސޭފްޓީ ޗެމްޕިއަންސް ޓްރެއިނިންގ އިފްތިތާޙް ކުރުންވެސް ކުރިއަށް ގެންދެވިފައިވެއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ޝާއިޢު ކޮށްފައިވާ 2024 ވަނަ އަހަރުގެ ދުނިޔޭގެ ޕޭޝަންޓް ސޭފްޓީ ރިޕޯޓުގައި ރައްކާތެރިނޫން ފަރުވާއަކީ ސިއްޙީ ޚިދުމަތުގެ އެންމެ ބޮޑު މައްސަލަކަމުގައި ފާހަކޮށްފައިވާ ކަމަށެވެ. އަދި ރައްކާތެރި މިންގަނޑަށް ނުފެތޭ ފަރުވާގެ 12 އިންސައްތަ ފަރުވާއިން ދާއިމީ ނުކުޅެދުންތެރިކަން ނުވަތަ ފުރާނަ ގެއްލުން ކުރިމަތިކުރުވާކަމަށްވެސް ވިދާޅުވިއެވެ.

ރައްކާތެރިނޫން ފަރުވާގެ ސަބަބުން އަހަރަކު 3 މިލިއަން މީހުންގެ ފުރާނަ ގެއްލޭއިރު މީގެ ދެބައިކުޅަ އެއްބަޔަކީ ރައްކާތެރި ކުރެވިދާނެ ކަންކަން ކަމުގައިވެސް ރިޕޯޓްގައި ފާހަގަކޮށްފައިވޭ.

މީގެ އިތުރުން، މި ދާއިރާގެ ސިޔާސަތުތައް ރަނގަޅު މަގުގައި ބައްޓަން ކުރެވި އެކަމަށް ރަނގަޅަށް އިންވެސްޓް ކުރެވެމުންދާ ކަން ކަށަވަރު ކުރުމަކީވެސް މުހިއްމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިއަދުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ކަމެއް ދެނީ ޞިއްޙީ ޚިދުމަތް ދިނުން ފުޅާކުރުމާއި، ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ. އަދި އެކަމަށްޓަކައި ކުރަން ޖެހޭ ކަންކަން ސަރުކާރުގެ އެޖެންޑާގެ އެންމެ އިސް ސަފުގައި ހިމަނުއްވައިދެއްވައި ރައްޔިތުން ޞިއްޙަތާ ގުޅެ ކަންކަމަކީ ސަރުކާރު އަބަދުވެސް އެންމެ އިސްކަނދޭ ކަންކަމުގައި ހަމަޖައްސަވައި ދެއްވައި އިންވެސްޓް ކޮށްދެއްވާތީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: