އައްޑޫ ސިޓީގެ ލާމަރުކަޒީ ނިޒާމު ބައްޓަންވެފައިވާ ގޮތަށް ބަދަލުތައް ގެނައުމަށްޓަކައި ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތްކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރައްވާފިއެވެ.
ރައްޔިތުންނާއެކު ބޭއްވި ޕޮޑްކާސްޓެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ކައުންސިލް އިންތިޚާބުތައް ގާތްވަމުންދާއިރު، އައްޑޫ ސިޓީގެ ކައުންސިލު އެކުލެވިފައިވާ ގޮތަށް ބަދަލުތަކެއް ގެންނަން ޖެހިފައިވެއެވެ.
”އެކި ރަށްތަކުން އެކަމަށް އެދިފައިވާތީ، އެ ރަށްތަކުގެ ރައްޔިތުން އެދޭ ގޮތުގެ މަތިން ދާއިމީ ހައްލެއް ގެނެސްދޭނަން،“ ރައީސް ވިދާޅުވިއެވެ.
މި ވޯޓުގައި ސުވާލުކުރެވޭނީ ހުޅުދޫ އަދި މީދޫއާއި އެހެނިހެން ރަށްތަކުގައި ވަކިވަކި ކައުންސިލުތައް އުފެއްދުމަށް ފެނޭތޯ ނުވަތަ މިހާރު އޮތް ގޮތަށް ކައުންސިލު ދެމެހެއްޓުމަށް ފެނޭތޯއެވެ. ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ޤާނޫނީ ގޮތުން މިހާރުވެސް ހިތަދޫގައި ސިޓީ ކައުންސިލެއް ޤާއިމުކުރުމުގެ ފުރުސަތު އެބައޮތެވެ.
ރައްޔިތުންގެ އަޑު އަހާ ނިންމުން
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ރައްޔިތުންގެ ޚިޔާލު ނުހޯދައި އެއްވެސް އިސްލާހެއް ގެނައުމަށް ސަރުކާރުން ބޭނުމެއް ނުވެއެވެ. އަދި އޮކްޓޫބަރު މަހުގެ ތެރޭގައި ނެގުމަށް ހަމަޖެހިފައިވާ މި ވޯޓަކީ އައްޑޫގެ ތާރީޚުގައި ވަރަށް މުހިންމު ވޯޓެއް ކަމަށާއި، މި ވޯޓުގެ ނަތީޖާއަށް ބިނާކޮށް އިލެކްޝަންސް ކޮމިޝަނަށް ވަކި ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މި ބަދަލާއެކު އައްޑޫގެ ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ރައީސް މުޢިއްޒު އުންމީދު ފާޅުކުރެއްވިއެވެ.

