ކޮމިޓީ އަޑުއެހުމުގެ ފުރުސަތުން ދިން ފަރާތްތަކުން މަޖިލީހުގެ ކޮމިޓީގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށާއި މަޖިލީހުގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށް އިޖުތިމާއީ އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާތީ އެ މައްސަލައިގައި ރިޕޯޓެއް ތައްޔާރުކޮށް ސާޖެންޓް އެޓް އާމްސް މަޖިލީހުގެ ރިޔާސަތަށް ހުށަހަޅައިފި އެވެ.
މި މައްސަލަ މަޖިލީހުގެ ރިޔާސަތުން ވަނީ މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހަޅާފައެވެ.
މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ މީޑިއާ ބިލުގެ މަސައްކަތް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ކުރިއިރު، ކޮމިޓީ ބައްދަލުވުންތައް އަޑުއަހަން ވަން ބައެއް މީހުން މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް އަމަލުކޮށްފައިވާތީ މައްސަލަ ރިޕޯޓެއްގެ ގޮތުގައި މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ވަނީ ހުށަހަޅުއްވާފައެވެ.
ރިޕޯޓުގައިވާ ގޮތުން، ކޮމިޓީއަށް ވަދެފައިވާ ފަރާތްތަކުން ވަނީ މަޖިލީހުގެ ކަރާމަތަށް އުނިކަން އަންނަ ގޮތަށް އަމަލުކޮށް، އަހުލާގީ މިންގަނޑުތަކާ ހިލާފަށް އަމަލުކޮށްފައެވެ. އަދި އޭގެ ސަބަބުން ކޮމިޓީގެ މަސައްކަތަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިކަމަށް ވެއެވެ.
މީޑިއާ ރެގިއުލޭޓް ބިލު ދިރާސާ ކުރިއިރު، މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ އަޑުއަހަން ގިނަ އަދަދެއްގެ ނޫސްވެރިން ވަދެފައިވެއެވެ. އެ ދުވަހު ކޮމިޓީ ބައްދަލުވުން ހޫނުވެފައި ވަނީ، ބިލަށް ލިބުނު ހިޔާލުތައް ދިރާސާ ކުރުމަށް ކަމަށް ބުނެ ކޮމިޓީ ސިއްރު ކުރުމުންނެވެ. ޒާތީ މައުލޫމާތުތަކެއް އޭގެ ތެރޭގައި ހިމެނޭކަމަށް ކޮމިޓީން ބުނި ދެ ދުވަހު ކުރިޔަށް ގެންދިޔައީ އާންމުންނާއި، މީޑިއާތައް އަދި ބަންޑާރަ ނައިބުގެ ލަފައާއި އިސްލާހުތައް ދިރާސާ ކުރުމުގެ މަސައްކަތެވެ. ނޫސްވެރިން އަޑުއުފުލާފައި ވަނީ ކޮމިޓީ ސިއްރު ކުރީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ އެވެ.
އެ ދުވަހު ތިން ނޫސްވެރިއަކު ބާރުގެ ބޭނުންކޮށްގެން ކޮމިޓީން ވަނީ ނެރެފަ އެވެ.
އެފަހުން ބިލު ފާސް ކުރުމުގެ ކުރިޔަށް ރިޕޯޓުގެ މަސައްކަތް ކުރިއިރު ކޮމިޓީ އަޑުއަހަން ވަން ނޫސްވެރިންނާއި ބައެއް އާންމުން އެތަނުގައި އަޑުގަދަކޮށް، އިހުތިޖާޖު ކުރި އެވެ. އަދި ނޫސްވެރިން ގޮވާލަމުން ދިޔައީ މި ބިލު ފާސްނުކޮށް، ބޭރުކޮށްލުމަށެވެ.
ކޮމިޓީން ބިލު ފާސްކުރުމުން، ނޫސްވެރިން މަޖިލީހުގެ އިދާރީ މޭޒު ކައިރީވެސް ވެސް އިހުތިޖާޖުކޮށްފައިވެއެވެ.
ސާޖަންޓް އެޓް އާމްސްގެ ރިޕޯޓުގެ ތަފްސީލު ހާމަނުކުރެއްވި ނަމަވެސް، ނާޒިމް ވިދާޅުވީ ރިޕޯޓުގެ މައްސަލަ މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުވަން ގަސްދުކުރާ ކަމަށެވެ. އެއީ މިފަދަ ކަމެއް ކުރިމަގުގައި ތަކުރާރުނުވާނެ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށާއި، މަޖިލީހުގެ މެހުމާނުންގެ ގޮތުގައި ހާޒިރުވާ ފަރާތްތަކުން އަމަލުކުރަން ޖެހޭނެ އުސޫލުތައް ކަނޑައަޅައި، އެކަންކަމާ ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

