ދުނިޔޭގެ އެންމެ ފުރަތަމަ “ޕާލޭ ފިއުޗަރ އައިލެންޑް ނޭޝަން” އަކީ ދިވެހިރާއްޖެ ކަމުގައި އިއުލާނުކޮށްފިއެވެ.
މިކަން އިޢުލާނުކޮށްފައިވަނީ އ.ދ.ގެ ޢާންމު މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން ކުރިއަށްދިޔަ ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތަކާބެހޭ ވިޔަފާރި ފޯރަމުގައެވެ.
އެ ފޯރަމުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞަލިހް ވެސް ބައިވެރިވެވަޑައިގެންފައެވެ.
ބުރާސްފަތި ދުވަހު ބޭއްވި އެ ދަންފަޅީގައި ކުދި ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުން ރައީސްއާ ކުރިމަތި ކުރި ސުވާލުތަކަށް އެމަނިކުފާނު ވަނީ ޖަވާބު ދެއްވާފައެވެ. އޭގެ އިތުރުން ޕާލޭ ފޮރ ދަ އޯޝަންސްއާއި ދިވެހިރާއްޖެއާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާ ބެހޭގޮތުންވެސް ރައީސް އެ ފޯރަމްގައި މައުލޫމާތު ދެއްވިއެވެ.
ރައީސް ޞާލިހާ ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ މައްސަލަތަކާއި ގާނޫނާއި، ގަވައިދާ ހިލާފަށް ދެމެހެއްޓެނިވި ނޫން ގޮތްގޮތަށް މަސްވެރިކަން ކުރުމުން މަހުގެ އާބާދީ މަދުވަމުން ދިއުމާއި، ޕްލާސްޓިކު ކުނިބުނި ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތައް ފާހަގަ ކުރައްވާފައެވެ. އެގޮތުން ރާއްޖެއިން ޕާލޭ ފޯ ދަ އޯޝަންސް އާއި ގުޅިގެން މަސައްކަތް ކުރަން ނިންމި ސަބަބުގެ މައްޗަށްވެސް ވަނީ އަލިއަޅުއްވާލާފައެވެ.
“ޕްލާސްޓިކާ ދުރު ޖަޒީރާ ގައުމަކަށް” ރާއްޖެއިން އަމާޒުހިފުމުގެ މައިގަނޑު ބޭނުމާމެދު ހުށަހެޅުނު ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ހަދާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއިން އަމާޒު ހިފާފައިވަނީ ނޫ އިގްތިސާދުގެ ވިސްނުމާ އަދި ކަނޑުގެ ދިރުންތަކާ ވެށި ހިމާޔަތްކުރެވޭ ގޮތަށް ތަރައްގީގެ ކަންކަން ކުރިޔަށްގެންދިއުމަށް ކަމުގައެވެ.
މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްކުރާ ޤައުމުތަކުގެ އެންމެ ކުރީގައި ހިމެނޭ ޤައުމެއްގެ ގޮތުގައި އޮތުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވަނީ، 2023 ވަނަ އަހަރުގެ ނިޔަލަށް އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ރާއްޖެއިން ނިންމާފައިވާ ނިންމުމަށް އަލިއަޅުއްވާލައްވާފައެވެ.
އެ ފޯރަމަކީ، އ.ދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ އަމާޒުތައް ހާޞިލްކުރުމަށް ސަރުކާރުތަކާއި ވިޔަފާރި ކުންފުނިތަކާއި ޖަމްޢިއްޔާތަކުގެ ގުޅުން ބަދަހިކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅާ، އެކަމަށް އެއްބާރުލުން ދިނުމަށް މަގިފަހިކުރުވާ ބައްދަލުވުމެކެވެ.