ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ތިބީ ސަރުކާރާއި ދެކޮޅަށް ދައްކާނެ ވާހަކައެއް ނުލިބިފައި، މީޑިއާ ބިލު ބޭނުން ކުރަނީ ސިޔާސީ ޓޫލްއެއް ގޮތަށް: ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ދެކޮޅަށް ދައްކާނެ ވާހަކައެއް ނޭނގިފައި ތިއްބައި، ނޫސްވެރިންގެ ކަންބޮޑުވުން ހުރި ބިލެއް މަޖިލީހަށް ހުށަހެޅުމާއި އެކު ސިޔާސީ ވާދަވެރިން އެކަމުގެ ތެރެއަށް ވަދެ ސިޔާސީ ޓޫލްއެއްގެ ގޮތުގައި ދެކޮޅަށް މަސައްކަތް ފެށިކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނަމަވެސް މީޑިއާތަކުން ދަނީ އަދިވެސް ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރަމުންނެވެ. އަދި މި ބިލުން ނޫސްވެރިންނަށް އެއްވެސް ރައްކާތެރިކަމެއް ނުލިބޭކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މި ބިލު ފާސްވެގެން ދިޔައީ ނޫސްވެރިން ބޭނުންވި ގޮތަށް ވަރަށް ގިނަ އިސްލާހުތަކަކާއި މަޝްވަރާތަކަކާ އެކުގައެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މީޑިއާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، އެ ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރެވުނެވެ. އަދި ވިދާޅުވީ ނޫސްވެރިންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ހަމައަށް ގެންދެވި، އަދި ވަކިން ހާއްސަކޮށް ކޮމިޓީއާ ހިސާބަށް ގެންދެވި ސީރިއަސްކަމާއި އެކު އެ ނުކުތާތަކަށް ރިއާޔަތް ކުރެވުނު ކަމަށެވެ.

ބިލު ގާނޫނަކަށްވުމުން މީޑިއާ ކޮމިޝަނުގައި ހިމެނޭނީ 7 މެންބަރުންނެވެ. މީގެ ތެރެއިން 3 މެންބަރުން އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަނެއް 4 މެންބަރުންނަކީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ މެންބަރުންނެވެ. އެކަން ފާހަގަކޮށް މިނިސްޓަރ ވިދާޅުވީ ކޮމިޝަނަށް ސަރުކާރުގެ ނުފޫޒެއް ނުފޯރާނެކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ވަނީ މީޑިއާއަކީ ދިވެހިރާއްޖޭގައި މިނިވަންކަމާއި އެކު ހިޔާލުފާޅުކުރެވޭ ދާއިރާއެއްގެ ގޮތުގައި ބޭއްވުމަށްކަމަށް ވިދާޅުވި އެވެ.

މި ބިލު ފާސްވުމާއެކު، ބްރޯޑްކާސްޓިންގ ކޮމިޝަނާއި މީޑިއާ ކައުންސިލްގެ މެންޑޭޓްތައް ފުށުއެރުމުގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި މީގެ ކުރިން ބައެއް ކަންކަން ތަންފީޒު ކުރުމުގައި އެންމެ ބޮޑަށް ޗިމާވާ ދައްޗަކީ އެއީކަމަށް ޝިޔާމް ވިދާޅުވި އެވެ.

މި ބިލާ ގުޅިގެން އެންމެ ބޮޑު ކަންބޮޑުވުމެއް ހުށަހަޅައި، އެކަމަށް އިހުތިޖާޖު ކުރަމުން ގެންދިޔައީ ނޫސްވެރިންކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ އެއީ ރަނގަޅު މަސައްކަތެއް ކަމަށެވެ. އެހެން ނަމަވެސް ނޫސްވެރިންގެ މަސައްކަތްތައް ސީޔާސީކޮށްގެން، ސިޔާސީ ޕާޓީތަކުން އޭގެ ތެރެއަށް ވަދެގަތުމަށް މަސައްކަތް ކުރިކަމަށް ޝިޔާމް ވިދާޅުވި އެވެ.

އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ދެއްތޯ މިކަހަލަ ޕާޓީން ނިޒާމެއްގައި މިކަހަލަ ފުރުސަތެއް ނުލިބިގެން ވާދަވެރިން ތިބޭނީ… ދެން އެގޮތުން ހަމަ ވަރަށް ދެރަ ދެން ބައެއް ނޫސްވެރިންގެ މި މަސައްކަތްތައް ވަރަށް ބޮޑަށް ޕޮލިޓިކަލީ އެއީ ކެޕިޓަލައިޒްކޮށްގެން ޕާޓީތަކުން މަސައްކަތް ކުރަމުންދިޔަ ތަން… އަދި މިހާރު ވެސް ކުރަމުންދާ ތަން… މިއީ އަޅުނޑުމެންނަށް ފެންނަނީ ވަރަށް ބޮޑަށް އިދިކޮޅު ޕާޓީ ވާދަވެރިން ސަރުކާރާ ދޭތެރޭގައި ދައްކާނެ ވާހަކައެއް ނެތިފައި ތިބި ވަގުތެއްގައި ކޮންމެވެސް ވަރަކަށް ނޫސްވެރިންގެ ކަންބޮޑުވުންތަކެއް ހުރި އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް މިނިވަން މެންބަރަކު ހުށައެޅި ވަގުތެއް ހަގީގަތުގައި ވާދަވެރިން މި ބޭނުންކުރީ ވަރަށް ބޮޑަށް ސިޔާސީ ޓޫލެއްގެ ގޮތުގައި…

މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ވެސް ބްރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލާއި، އިންފޮމޭޝަން ކޮމިޝަން އެއްކޮށްލުމަށް މަސައްކަތްކޮށްފައިވެއެވެ. ނަމަވެސް، އޭރު އެކަން ކުރަން މަސައްކަތްކުރި ބައެއް ފަރާތްތަކުން މިހާރު މި ދެ މުއައްސަސާ އެއްކޮށްލަން މަސައްކަތް ކުރާތީ ކަންބޮޑުވުން ފާޅުކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ބިލު ގާނޫނަކަށްވުމަށް ފަހު އުފެދޭ މީޑިއާ ކޮމިޝަނުގެ މިނިވަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ޝިޔާމް ވިދާޅުވީ ކުރީގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ބާރުތައް މި ބިލުގައި ނުހިމެނޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: