ހުދުމުތާރު ގޮތަކަށް ފާސްކުރި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ތަސްދީގު ކުރިޔަސް އަމަލު ކުރަން ޖެހޭ ސަބަބެއް ނެތްކަމަށާއި މި ބިލާއި ދެކޮޅަށް ކޯޓަށް ދާން ޖެހޭކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން އިއްޔެ މީޑިއާ ބިލު ފާސްކުރީ އެކި އިސްލާހުތައް ގެނައުމަށްފަހު ނަމަވެސް، ނޫސްވެރިން ދަނީ އެއަށް އަމަލު ކުރަން ދެކޮޅު ހަދަމުންނެވެ. އަދި މިއީ ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވުރެ، ކޮންޓްރޯލް ކުރާ ބިލެއްކަމަށް ވަނީ ބުނެފަ އެވެ.
ބިލާއި ދެކޮޅަށް އެމްޑީޕީ ވެސް އިހުތިޖާޖު ކުރި އިރު، އެ ޕާޓީން މިރޭ ވަނީ ކުއްލި ގައުމީ މަޖިލިސް ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފަ އެވެ.
މި ބައްދަލުވުމުގައި ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ ޖަލްސާ ގަވައިދާ ހިލާފަށް ބާއްވައި، ބިލު ފާސްކުރީ ވެސް ހަމަ އެ އުސޫލުން ކަމަށެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވި ނަމަވެސް ދުސްރީ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހަޅައިގެން ކުރިޔަށް ދާން ނުޖެހޭ ސަބަބެއް އޮތްކަމަށް ނުދެކޭކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބިލު ފާސްކުރުމަށް ފަހު ދެވަނަ ފަހަރަށް ބައްދަލުވުމެއް ބޭއްވީ އޭގައި ހުރި މައްސަލަތަކެއް ކައުންސެލް ޖެނެރަލް ނެންގެވުމުން ކަމަށެވެ. އަދި އޭގެ ފަހުން ކައުންސިލް ޖެނެރަލް ދެއްވީ ވަކި ލަފައެއްކަމަށް ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.
ރޮޒެއިނާ ވިދާޅުވީ ކައުންސެލް ޖެނެރަލް ބިލާއި ގުޅޭގޮތުން ފާހަގަކުރި މައްސަލަތައް، ކޮމިޓީގެ މެމްބަރުންނަށް ވެސް ނާންގާ ކަމަށެވެ. އަދި ވިދާޅުވީ މުޅި ބިލަށް ވޯޓަށް އެހޭނީ ވެސް، އެ ވަކިވަކި ކަންކަން މަޝްވަރާކޮށް އިސްލާހު ގެނެސްގެން ވޯޓަށް އަހައިގެން ކަމަށެވެ.
ރޮޒެއިނާ ވިދާޅުވީ ބިލުގެ އެންމެ ފަހު މަރުހަލާ ކުރިޔަށް ގެންދިޔައީ، އެމްޑީޕީ ތަމްސީލު ކުރުމަށް އެ ކޮމިޓީގައި ހުންނެވި ހަމައެކަނި މެމްބަރު މީކާއިލް އަހުމަދު ނަސީމް ގަސްދުގައި ބައިވެރި ނުކޮށް ކަމަށެވެ.
އެކަމަކު މި ގެނައި ބަދަލަކީ ކޮބައިކަމެއް ކޮމިޓީގެ މެމްބަރުންނަށް ވެސް ނޭނގި ވޯޓަށް އަހާފައި، އެއަށް އެއްވެސް ކަހަލަ ހިޔާލެއް ހުށަހެޅުމުގެ ފުރުސަތު ވެސް ކޮމިޓިގެ މެމްބަރުންނަށް ނުދީ.. ވަރަށް ހުދުމުހުތާރު ގޮތަކަށް ކޮމިޓީ ނިންމައިގެން ގޮސް ރައްޔިތުންނާއި ދިމާލަށް ބޭނުންހާ ގޮތަކަށޭ ކަންކަން ކުރާނީ ބުނެފައި ފާސްކުރީމާ ދެން ރައްޔިތުން މި ބިލަށް އަމަލު ކުރަން ޖެހޭކަމަށް ގަބޫލެއް ނުކުރަން..
ރޮޒެއިނާ ވިދާޅުވީ ބިލު ފާސްކުރީ ވަރަށް ހުދުމުހުތާރު ގޮތަކަށްކަމަށާއި، ރައްޔިތުންގެ މޫނު މަތީ ބޭނުން ގޮތެއް ހަދާނެކަމަށް ބުނާ މޭރުމުން އަމަލުކޮށް ކުރާ އެއްވެސް ކަމަކަށް އާނ ބަސް ބުނަން ނުޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ގާނޫނަކަށް ވިޔަސް ފާސްކުރަން ޖެހޭ ބިލެއް ނޫންކަމަށެވެ.
މި ކަންކަން ފާހަގަކޮށް ރޮޒެއިނާ ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ޓީމުން މި ބިލާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތްކޮށް ދުސްތޫރީ މައްސަލައެއް ކޯޓަށް ހުށަހެޅުމަށެވެ.

