މީޑިއާ ބިލަކީ ރާއްޖޭގެ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކަށް ފަސޭހަ މާހައުލެއް ގެނެސްދޭނެ ގާނޫނެއް ކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ދަށުން އުފެދޭ ކޮމިޝަނަށް ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގެ ބާރު މަޖިލީހަށް އޮތް ނަމަވެސް ނައިބުރައީސް އައްޔަނުކުރުމުގެ ބާރު އޮންނާނީ ކޮމިޝަނަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވި ގޮތުގައި މަޖިލީހުން ފާސްކުރި ބިލު އެކުލަވާލެވިފައި އޮތީ މީޑިއާތަކުގެ ރައްކާތެރިކަން ކަށަވަރުވާ ގޮތަށެވެ.
”މިއީ މީީޑިއާތަކާއި، ބްރޯޑްކާސްޓަރުން ރެގިއުލޭޓް ކުރާ ގާނޫނެއް. މިސާލަކަށް ސޯޝަލް މީޑިއާގައި މަސައްކަތްކުރާ ފަރާތަކާއި މި ގާނޫނަކާއި އެއްވެސް ގުޅުމެއް ނެތް. މި ގާނޫނުގައި އަނެއްހެން ދަންނަވާ ކަމުގައި ވާނަމަ މީޙެއްގެ މައްޗަށް މައްސަލައެއް ތަހުގީގު ކުރެވޭނީ މައްސަލައެއް ހުށައެޅޭނީވެސް، ކަމެއް މިގާނޫނުގައި ބަޔާން ކުރާ ކުށެކޭ މިދެންނެވީ، ބްރޯޑްކާސްޓް ކުރުމުގައި މީޑިއާގައި މަސައްކަތް ކުރުމުގައި މި ގާނޫނު މަނާކުރާ ކަންތައްތައް ކުރާ ކަމަށްވަންޏާތާ“
މިނިސްޓަރ ޝިޔާމް ވިދާޅުވީ، ކިތަންމެ ފަސޭހަ މާހައުލެއް އޮތް ނަމަވެސް އުނދަގޫކޮށް އުޅެން ބޭނުންވާ ބަޔަކު ތިބެދާނެ ކަމަށެވެ. އަދި ގާނޫނުތައް ހުރި ނަމަވެސް އެ ގާނޫނުތައް މުގުރަން ބޭނުންވާ މީހުންވެސް ތިބެދާނެ ކަމަށް ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝިޔާމް އަދި ވިދާޅުވީ މިއީ މީހުން ހިފާ ހައްޔަރުކޮށް، އަދަބު ދޭ ގާނޫނެއް ނޫން ކަމަށެވެ. ގާނޫނުތައް ގެންނަނީ ކަންކަން ފަސޭހަކުރުމަށްޓަކައި ކަމަށާއި އަދި މިކަމުގައި އުނދަގުލެއް ވާނީ ގާނޫނުތަކުގެ ބޭރުން ކަންކަން ކުރާ މީހުންނަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

