ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން އިތުރު މުދާ އެތެރެކުރުމުން ވާނީ ފައިދާ، އެކަމާ ނުރުހޭނީ ރައްޔިތުންނަށް ހެޔޮގޮތްވާން ނޭދޭތީ: ރައީސް

ރައްޔިތުންނާ އެކު ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންނަށް އަގުހެޔޮކޮށް ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިތަކަށް ވަންނަންޖެހޭނަމަ އެކަންވެސް ކުރާނެ ކަމަށާއި، އެކަމާ ނުރުހޭނީ ރައްޔިތުންނަށް ހެޔޮގޮތްވާން ނޭދޭ މީހުންކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، އެސްޓީއޯއިން ކާޑުގެ އިތުރުން، އެހެން ކާބޯތަކެތީގެ ބާވަތްތަކެއް ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓު މަޝްވަރާއާއި އެކު ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ދާދި ފަހުން ވަނީ ހާމަ ކުރައްވާފައެވެ.

އެކަމުގެ ތަފްސީލު ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގައި ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، އެސްޓީއޯގެ މައިގަނޑު ހިއްސާދާރަކީ ސަރުކާރު ކަމަށާއި، އެސްޓީއޯއަކީ ވިޔަފާރިކުރަން އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ. ވީއިރު، އެސްޓީއޯއިން އެތެރެކުރަން ޖެހޭނީ ހަމައެކަނި ކާޑުގެ ބާވަތްތައް އެކަންޏެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ އެސްޓީއޯއިން ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށް އަދި ރައްޔިތުން އެންމެ ގިނައިން ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް ގެނައުން ކަމަށެވެ.

ކާޑުގެ ބާވަތްތައް އެކަންޏެއް ނޫން މިހާރު އެތެރެކުރަން ޖެހޭނީ، މިހާރު އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ އެންމެ މުހިއްމު، އެންމެ ގިނައިން ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތައްވެސް އެތެރެކުރުން

ރައީސް ވިދާޅުވީ، އެއީ އާންމުން ކުރާ ވިޔަފާރިއެއްގެ ތެރެއަށް ވަނުމެއް ނޫން ކަމަށާއި، ސަރުކާރުގެ ބޭނުމަކީ އަތްފޯރާ ފަށުގައި ރައްޔިތުންނަށް ބޭނުންވާ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އެގޮތުން ބީއެމްއެލްއިން މީގެކުރިން ނުދޭ މިންވަރަށް ވިޔަފާރިވެރިންނަށްވެސް މިއަދު ޑޮލަރު ހޯދުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި، ހޯލްސޭލްކޮށްވެސް ކާބޯތަކެތި އެތެރެ ކުރުމުގެ ފުރުސަތު މާ ބޮޑަށް ފަހިވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުންނަށް ފަސޭހައެއް ނުވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން ސަރުކާރުން މި ނިންމި ނިންމުމަކީ ބަލަން ޖެހޭ އެތައް ކަންތައްތަކެއް ބެލުމަށްފަހު ނިންމާފައިވާ ނިންމުންތަކެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ޤައުމުގެ ރައްޔިތުންނަށް އެހެން ބަޔަކު ކުރާ ކަމެއްގެ ސަބަބުން ގެއްލުމެއްވާކަން ސަރުކާރުން ނޭދޭ ކަމަށާއި، ސަރުކާރުގެ ނިންމުމާއެކު ވިޔަފާރިވެރިންނަށްވެސް ރަނގަޅު އަގުގައި ރައްޔިތުންނަށް މުދާ ފޯރުކޮށްދިނުމަށް ބާރު އެޅިގެންދާނެކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުގައި ރައީސް ވަނީ އައިނު ވިއްކުމުގެ ވިޔަފާރިއަށް އަލިއަޅުވާލައްވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެކަންކަމަށް ނުރުހޭނީ ރައްޔިތުންނަށް ހެޔޮނޭދޭ ފަރާތްތަކުން ކަމަށެވެ. އަދި ފުޑް ސެކިއުރިޓީއަކީ ސަރުކާރުގެ މެނިފެސްޓޯގެވެސް މުހިއްމު ބައެއްކަމަށް ރައީސް ވިދާޅުވިއެވެ.

މި ނިންމެވުމުގެ ދަށުން، ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ ހިމެނެއެވެ. މީގެ އިތުރުން މުގު، ބިސް އަދި އަލުވި ވެސް ގަނޑުކޮށް އެތެރެކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މި ހުރިހާ ބާވަތްތަކެއް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް، ރާއްޖޭގެ ބާޒާރުގައި ވިއްކުމަށް ކެބިނެޓުގެ މަޝްވަރާއާއި އެކު ނިންމަވާފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: