ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ގާނޫނުގެ ސަބަބުން ގާނޫނުއަސާސީގެ 3 މާއްދާ ނިގުޅައިގަނޭ: ޝާހިދު

ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ގާނޫނުގެ ސަބަބުން ގާނޫނުއަސާސީގެ ތިންވަނަ ބާބުގެ 3 މާއްދާ ނިގުޅައިގަންނަ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، މަޖިލީހަށް މީޑިއާ ރެގިއުލޭޝަންގެ ނަމުގައި ހުށަހަޅާފައިވާ ބިލަކީ އޮޅުވާލައިގެން ހުށަހެޅި ކޮންޓްރޯލް ބިލެއް ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، މަޖިލީހަށް ބިލު ހުށަހެޅީ އަމިއްލަ މެންބަރެއް ކަމަށް ބުނެ ހެއްދެވީ ބުހުތާނު ދޮގެކެވެ. އެހެން ނަމަވެސް، ބިލަށް ވޯޓަށް އެހި ވަގުތު މަޖިލީހުގައި ރިޔާސަތު ބެލެހެއްޓެވި، މަޖިލީހުގެ ނައިބު ރައީސް ނާޒިމް، އެއީ ސަރުކާރުގެ ފަރާތުން އަބްދުލްހަންނާން ހުށަހެޅުއްވި ބިލެއް ކަމަށް ވިދާޅުވެފައިވާ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

”މި ތިން މާއްދާގައި ހުރި ހުރިހާ ކަމަކަށް މި ބިލު އެބަ އަރައިގަނޭ. އަޅުގަނޑުވެސް ގަބޫލު ކުރަން އަސާސީ ހައްގުތައް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާއިރު އެ ހައްގުތައް ހިފެހެއްޓުމުގެ މިންގަނޑުތަކެއް ގާނޫނުއަސާސީގައި އެބަ އޮތް،“ ޝާހިދު ވިދާޅުވިއެވެ.

މި ބިލުގެ ސަބަބުން ރައްޔިތުންނަށް ސޯޝަލް މީޑިއާގައި ބޭނުން އެއްޗެއް ލިޔެވޭނެ ކަމަށް ބުނަމުން އައި ނަމަވެސް، ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު ވިދާޅުވެފައިވަނީ މި ބިލާއެކު އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ނުލިޔެވޭނެ ކަމަށް ކަމަށްވެސް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މި ބިލު ސަރުކާރުން ގެނެސްފައި ވަނީ ހީލަތްތެރިކަމާއި މަކަރުވެރިކަމާއެކު ބޮޑު ޖަރީމާއެއް ހިންގައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ޝާހިދު ފާހަގަކުރެއްވި ގޮތުގައި، މި ބިލުން ނިގުޅައިގަންނަ ތިން މާއްދާގެ ތެރޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި އަދި އުނގެނުމާއި އުނގަންނައިދިނުމުގެ މިނިވަންކަން ހިމެނެއެވެ. މިކަމާ ގުޅޭގޮތުން އެމެރިކާއިން ވެސް ކަންބޮޑުވުން ފާޅުކޮށް، ރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ބަލައިނުގަންނަ ކަމަށް ބުނެފައިވާކަން ވެސް ޝާހިދު ފާހަގަކުރެއްވިއެވެ. އަދި މީގެ ކުރިން ވެސް މިފަދަ ގާނޫނެއް ރައީސް ޔާމީންގެ ދައުރުގައި ގެނެސްފައިވާ ކަމަށާއި، އެކަމާ ވެސް ކުރިމަތިލައްވާފައިވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: