އެޕަލްގެ އައިފޯން 17 ސީރީޒްގެ ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލައިފިކަމަށް އުރީދޫ މޯލްޑިވްސްއިން ހާމަކޮށްފިއެވެ.
އުރީދޫއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޕްރީ އޯޑަރު ކުރައްވާ ފަރާތްތަކަށް އައު އައިފޯނު ލިބިވަޑައިގަންނަވަން ފަށާނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތުތަކުން ފެށިގެންނެވެ. އައިފޯން 17 ސީރީޒްގައި ހިމެނެނީ އައިފޯން 17، އައިފޯން 17 އެއާ އަދި އައިފޯން 17 ޕްރޯ މި ތިން މޮޑެލެވެ.
އެޕަލްއިން މި ފަހަރު ތަޢާރަފުކޮށްފައިވާ އައިފޯން 17 ސީރީޒްގައި ގިނަ ކުރިއެރުންތަކެއް ހިމެނެއެވެ. މީގެ ތެރޭގައި ޑިސްޕްލޭގެ ކޫރުން އެޅޭ މިންވަރު ކުޑަކުރުމަށް ގެނެސްފައިވާ ކުރިއެރުންތަކާއި، ގޭމިންގ އަށް އަމާޒުކޮށްގެން ގެނެސްފައިވާ އިތުރު ފީޗަރތައް ހިމެނެއެވެ.
އައިފޯން 17 އެއާގައި ބޮޑު ސްކްރީނެއް ހިމެނޭއިރު، ފޯނުގެ ފަހަތުގައި ރައްކާތެރިކަމަށް ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސާފައިވެއެވެ. އަދި މިއީ އެޕަލްއިން މިހާތަނަށް އުފައްދާފައިވާ އެންމެ ތުނި ފޯނުކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. މި ސީރީޒްގެ ފޯނުތަކުގައި ބޭނުންކުރެވޭނީ އީސިމްކަންވެސް އެޕަލްއިން ހާމަކޮށްފައިވެއެވެ.
ސީރީޒްގެ އެންމެ މަތީ މޮޑެލްކަމަށްވާ އައިފޯން 17 ޕްރޯގައި އެންމެ ގިނަ ކުރިއެރުންތައް ހިމަނާފައިވެއެވެ. މީގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސްގެ އެކި ފީޗަރތަކާއި، އެހެން މޮޑެލްތަކަށްވުރެ ވަރުގަދަ ކެމެރާ ސިސްޓަމެއް ހިމެނެއެވެ.

