ކުޅުދުއްފުށީގައި ފެށި ކޮމަންވެލްތު ގައުމުތަކުގެ ފުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތަކީ ދިވެހިންނަށް ހާސިލުކުރެވުނު ބޮޑު ކުރިއެރުމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި މުބާރާތް ދިވެހިރާއްޖޭގައި ބޭއްވުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ. އަދި މިއީ ބައިނަލްއަގުވާމީ ދަނޑުތަކުގައި ރާއްޖެއަށް ހާސިލުކުރެވުނު ބޮޑު ކުރިއެރުމެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ.
މި މުބާރާތުގައި ބައިވެރިވާ އެކި ގައުމުތަކުގެ ޓީމުތަކަށާއި، މުބާރާތް ބެއްލެވުމަށް ރާއްޖެއަށް ޒިޔާރަތްކުރައްވާ މެހުމާނުންނަށް މަރުހަބާ ދަންނަވަމުން، ރައީސް ވިދާޅުވެފައިވަނީ މިއީ ކުޅިވަރަށް ދިވެހިން ކުރާ ލޯބި ދުނިޔެއަށް ހާމަކޮށް، ގައުމުގެ ރީތިކަން އިތުރު ބަޔަކަށް އިޝްތިހާރުކުރުމުގެ ރަނުގެ ފުރުސަތެއް ކަމުގައެވެ.
”މިކަމުގެ ސަބަބުން މާން ޞުލްޙަވެރި ހިތްހެޔޮ ރައްޔިތެއް ދިރިއުޅޭ މި ރާއްޖެއަށް އެތައް ބަޔެއްގެ ޝައުގާއި ތާރީފު ލިބޭނެ,“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، މުބާރާތުގައި ބައިވެރިވާ ހުރިހާ ގައުމުތަކުގެ ޓީމުތަކުންވެސް މޮޅު ކުޅުމެއް ދައްކާނެކަމުގެ އުންމީދު ފާޅުކުރައްވަމުން، ރައީސް ވަކިން ޚާއްސަކޮށް ދިވެހި ގައުމީ ޓީމަށް ފަޚުރުވެރި ކާމިޔާބީއެއް އެދިވަޑައިގެންފައިވެއެވެ.

