ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖީއެސްޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، 2025 ވަނަ އަހަރުގެ މޭ މަހާ ހަމައަށް، ޖީ.އެސް.ޓީ އާއި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފިއެވެ.

މި ގޮތުން، މީރާއިން 08  ސެޕްޓެންބަރު 2025 ގައި ފުރަތަމަ ޝާޢިއުކުރި ލިސްޓުގައި ޖުމުލަ 152 ފަރާތެއް ހިމެނިފައިވެއެވެ. ނަމަވެސް، މި ލިސްޓު ޝާޢިއުކުރުމަށްފަހު، 17 ފަރާތަކުން ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ ބަޔާން ހުށަހަޅާފައިވާތީ، މި ވަގުތާ ހަމައަށް ޖީ.އެސް.ޓީ އަދި ގްރީން ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުގެ އަދަދު ވަނީ 135 އަށް ބަދަލުވެފައެވެ.

ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދެވިފައިވާނެ ކަމަށާއި، އެސް.އެމް.އެސްގެ ޒަރިއްޔާއިންވެސް އެ ފަރާތްތަކަށް އެ ކަން އަންގާފައިވާނެ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުންގެންދާނެކަމަށް މީރާއިން މައުލޫމާތު ދެއެވެ. އެހެންކަމުން، މިހާތަނަށް ވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ދިވެހިރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަނީ ބިލެއްގެ މަސައްކަތްތަކެއް ކޮށްފައެވެ.

މި އިސްލާހުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުގެ ޓެކުހުގެ މިންވަރު ކަނޑައެޅުމުގެ އިޚްތިޔާރު މީރާއަށް ދިނުމާއި، މީރާއިން ހިންގާ އޮޑިޓްތަކާއި ތަޙްޤީޤުތައް ހިންގުމުގެ އުސޫލުތައް ހަރުދަނާކުރުން ހިމެނެއެވެ. މީގެއިތުރުން، ޓެކުހާގުޅޭ ކުށްތަކުގެ އަދަބުތައް ހަރުދަނާކޮށް، ޤާނޫނު ތަންފީޛުކުރުން އިތުރަށް ވަރުގަދަކުރުމަކީވެސް މި އިސްލާހުގެ މުހިންމު މަޤްޞަދެކެވެ. މި އިސްލާހާއެކު މީރާއަށް ލިބިގެންދާ އިތުރު ބާރުތަކުގެ ތެރޭގައި، ޓެކްސް ނޫން އެހެނިހެން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ބާރު ހިމެނެއެވެ. މިއީ މީރާގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އިސްލާހުގެ ދަށުން ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތައް އިތުރަށް ފުޅާކުރެވި، އޭގެ ތެރޭގައި ދޮގު މަޢުލޫމާތު ހިމެނުމާއި، މަޢުލޫމާތު ނުހިމެނުމާއި، ލިޔެކިޔުންތައް ނުރަނގަޅުކޮށް ބެލެހެއްޓުން ފަދަ ކަންކަން ހިމެނެއެވެ. މި ކުށްތަކަށް ކުރިން ދެވޭ އަދަބު 3 މަސްދުވަހާއި 1 އަހަރު ދުވަހުގެ ގޭ ބަންދުން، 3 މަސްދުވަހާއި 2 އަހަރު ދުވަހަށް އިތުރުކުރެވިފައިވެއެވެ. ޓެކްސް ބަޔާން ހުށަނޭޅުމާއި މަޢުލޫމާތު ހުށަނޭޅުމުގެ ކުށްތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެވިފައެވެ. މި ކުށްތަކަށް ކުރިން ދެވޭ 1 މަސްދުވަހާއި 6 މަސްދުވަހުގެ އަދަބުގެ އިތުރުން، 250,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ލިބިގެންދެއެވެ.

މި އިސްލާހުގެ އެންމެ މުހިންމު އެއް ބަދަލަކީ ކުށްތަކަށް ފިޔަވަޅު އެޅުމަށް އޮންނަ 2 އަހަރުގެ މުއްދަތުގެ ޤައިދު ނެގިގެން ދިއުމެވެ. މީގެ ސަބަބުން ކުށްކުރާ ފަރާތްތަކާމެދު ވަގުތުން ފިޔަވަޅު އެޅުމުގެ ފުރުޞަތު މީރާއަށް ލިބިގެންދާނެއެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނެވޭ މި އިސްލާހަކީ ދިވެހިރާއްޖޭގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކޮށް، ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތަކާމެދު އަޅާ ފިޔަވަޅުތައް ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި އިސްލާހުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ އިތުރުވެ، ޓެކްސް ދެއްކުމުގެ ނިޒާމަށް އިތުރު ބާރެއް ލިބިގެންދާނެކަން ކަށަވަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: