ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާކުތަކާއި، ޖިމްއަށް ވުރެ ވ. ތިނަދޫ ރައްޔިތުންނަށް ބަނދަރެއް މާ މުހިންމު!

ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގް ހުސެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތުގެ ތެރެއިން ޖިމް އެޅުމާއި، ޕާކުތަކަށް ވުރެ ބަނދަރުގެ މައްސަލަ ހައްލުވެ ދިމާވާ ދަތިތައް ހައްލުވުން ރައްޔިތުންނަށް މާ މުހިންމުކަމަށް ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝިފާގް ހުސެއިން ވިދާޅުވެއްޖެ އެވެ.

ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ދެވަނަ މަންޒިލެއްގެ ގޮތުގައި ރައީސް ވަޑައިގަތީ، ވ. ތިނަދޫއަށެވެ. މި ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ފާހަގަކުރެއްވީ ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ހޯދާއިވާ ކުރިއެރުންތަކެވެ. އަދި ރަށަށް ދިމާވެފައިވާ އެކި ދަތިތަކުގެ ތެރޭގައި ބަނދަރުގެ ދަތިތައް ހިމެނޭތީ، އެކަން ހައްލު ކުރުމުގެ މުހިންމުކަމަށް އެމަނިކުފާނު އަލިއަޅުވާލެއްވި އެވެ.

އޭޓީއެމް ނެތް ރަށްތަކުގައި އޭޓީއެމް ގާއިމު ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މި ދަތުރުފުޅުތަކުގެ ތެރެއިން ގިނަ ރަށްތަކުގައި މި ޕްރޮޖެކްޓު ދަނީ އިފްތިތާހު ކުރެވެމުންނެވެ. އޭގެ ތެރޭގައި ތިނަދޫ ވެސް ހިމެނޭ އިރު، ރައީސް މުއިއްޒު މިއަދު ރައްޔިތުންނަށް ވައުދުވެވަޑައިގަތީ މި ރަށުގައި ޑޮލަރު އޭޓީއެމްއެއް ގާއިމުކޮށްދެއްވުމަށެވެ.

އެގޮތުން އަންނަ އަހަރުގެ މާޗު މަހުގެ ކުރިން ރަށުގައި މި ހިދުމަތް ފެށޭވަރުވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ތިނަދޫގައި އޮތް ބައްދަލުވުމުގައި، އާންމުނަށް ވެސް އެ ރައްޔިތުންގެ ކަންބޮޑުވުންތައް ހުށަހެޅުމަށް ހުޅުވާލި އެވެ. ތިނަދޫއަކީ ލޯކަލް ޓޫރިޒަމް އެންމެ ބޮޑަށް ކުރިއަރާފައިވާ އެ ރަށް ނަމަވެސް ރަށަށް އަޅާލުމެއް ނުލިބޭތީ ކައުންސިލްގެ ރައީސް އެކަން ފާހަގަކުރެއްވި އެވެ.

ޝިފާގު ވިދާޅުވީ ތިނަދޫގެ ކަރަންޓުގެ މައްސަލަ ހައްލު ނުކުރެވި ދިގުލައިގެން ގޮސްފައި ވަނިކޮށް ސްޓެލްކޯގެ ގިނަ މަސައްކަތްތަކެއް ކުރިޔަށް ގެންދެވުނު ކަމަށެވެ. އަދި ތިނަދޫގެ ކަރަންޓު ޝޯޓޭޖުގެ މައްސަލަ ހައްލުވެގެން ދިއުމަކީ ލިބޭ ހިތްހަމަޖެހުމެއްކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ތިނަދޫގައި ކުޅިވަރުގެ އެކި ވަސީލަތްތަކާއި، ޕާކުތައް ގާއިމު ކުރުމަށް ރައީސް ވައުދުވެފައިވީ ނަމަވެސް ޝިފާގު ހުށަހެޅީ ބަނދަރުގެ މައްސަލަ ހައްލު ކުރުމަށް އިސްކަން ދިނުމަށެވެ. އަދި އެ މަޝްރޫއުތަކަށް ހުރި ފައިސާ ބޭނުންކޮށްގެން ނަމަވެސް، މިއީ ހައްލު ކުރަން ޖެހޭ މައްސަލައެއްކަމަށް ވިދާޅުވި އެވެ.

އެހެން ބައެއް ރައްޔިތުން ފާހަގަކުރި ގޮތުގައި، ތިނަދޫއަކީ އެންމެ ބޮޑު އަދަދަކުން ޓެކްސް ދައްކާ ރަށް ނަމަވެސް ސަރުކާރުތަކުން އޮތީ އަޅާނުލައި ދޫކޮށްލާފަ އެވެ. އިންތިހާބުތަކުގެ ކެމްޕެއިނާ ދިމާކޮށް ރައީސުން ކުރާ ކެމްޕެއިންގެ ދަތުރުތައް ފިޔަވައި ރައްޔިތުންގެ ހުރި ދަތިތަކާއި ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ވެސް އެއްވެސް މަސައްކަތެއް ނުކުރާކަމަށް ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު ރަށުގެ ބަނދަރުގެ މަސައްކަތަށް ޖިއޯ ބޭގުތައް ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަ އިރު، ފަރުވާކުޑަކޮށް އެ މަސައްކަތް ކުރިޔަށް ގެންގޮސްފައި ވާތީ އެކަން ރައީސްގެ ސަމާލުކަމަށް އެހެން ރައްޔިތަކު ގެނަ އެވެ. އޭނާ ބުނި ގޮތުގައި ބަނދަރަށް ދޭން ޖެހޭ ސަމާލުކަން ނުދީ ކުރިޔަށް ގެންދިއުމުގެ ނަތީޖާއަކަށް ވާނީ އެ ރަށަކީ ކަނޑު މެދުގައި އެއްވެސް ރައްކާތެރިކަމެއް ނެތި އޮތް ރަށަކަށްވުމެވެ. އަދި ބޮޑެތި ރާޅުތަކުގެ ސަބަބުން ވެސް ދަތިތައް ދިމާވާނެކަމަށް އޭނާ ބުންޏެވެ.

މި ކަންބޮޑުވުންތަކަށް ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުން ވަނީ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބައިތޯ ބަލައި ހައްލު ހޯދައިދިނުން ކަމަށެވެ. އަދި ރައްޔިތުން އެދޭ ގޮތަށް ހުރިހާ މަސައްކަތެއް ވެސް ކުރިޔަށް ގެންގޮސް ދޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: