ހުޅުމާލެ ފޭސް 2 ގައި ޤާއިމުކުރެވިފައިވާ ހުޅުމާލެ ހޮސްޕިޓަލްގެ ކްލިނިކުން 24 ގަޑިއިރު ޚިދުމަތް ދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ސީއީއޯ ހަލީމް ވިދާޅުވި ގޮތުގައި، ”ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ސަރަޙައްދުގައި ހުންނަ ހުޅުމާލެ ހޮސްޕިޓަލްގެ ޖެނެރަލް ޕްރެކްޓިސް ކްލިނިކުން 24 ގަޑިއިރު ޚިދުމަތް ދިނުމަށް ނިންމަވާފައި“ ކަމަށެވެ.
ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ރައީސް ގެންގުޅުއްވާ ހަރުދަނާ ޤައުމީ ސިޔާސަތާ އެއްގޮތަށް މަސައްކަތްތައް ކުރަމުންދާއިރު، ކުރިން އެންމެ ޝިފްޓެއްގައި ހިންގަމުން އައި ކްލިނިކު 2024 ވަނަ އަހަރުގެ ތެރޭގައި ދެ ޝިފްޓަށް ފުޅާކުރެވުނު ކަމަށް ހަލީމް ފާހަގަކުރެއްވިއެވެ. އަދި މިހާރު ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކުވެސް 24 ގަޑިއިރު ޚިދުމަތް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލާއެކު އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށާއި، ކޮންމެ ޢާއިލާއަކަށްވެސް އުންމީދާއި ހިތްހަމަޖެހުމާއި އިތުބާރުހުރި ސިއްޙީ ފަރުވާ ގާތުން ލިބުމުގެ މަގު މިހާރު ވަނީ ފަހިވެފައެވެ.

