މީޑިއާ ރެގިއުލޭޓް ކުރުމާ ދެކޮޅު ނޫން ކަމަށާއި، ނަމަވެސް މީޑިއާ ކޮންޓްރޯލް ކުރުމާ ދެކޮޅުކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ “ ހަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މެންބަރު ޒިޔާދު ވިދާޅުވީ، މީޑިއާ ޤާނޫނު ވުޖޫދަށް ގެނެސްފައިވާ އެއް ބޭނުމަކީ އަބުރު ރައްކާތެރިކުރުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށާއި، މިހާތަނަށް ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ގިނަ ފަހަރު މީހުންގެ އަބުރު ނަގާލާފައިވަނީ ރަޖިސްޓަރޑް މީޑިއާތަކަކުން ނޫން ކަމަށެވެ. ނަމަވެސް އެކަންކަން ކޮންޓްރޯލް ކުރެވޭނެ ގޮތެއް މި ޤާނޫނުގައި ނެތްކަން ޒިޔާދު ފާހަގަ ކުރެއްވިއެވެ.
ޒިޔާދު ވިދާޅުވީ، މި ޤާނޫނު ވުޖޫދަށް ނުގެނައިކަމުގައިވީނަމަވެސް، ސޯޝަލް މީޑިއާގައި މީހުންގެ އަބުރު ނަގާލާ މައްސަލަތައް ބެލޭނެ ގޮތްތައް މިއަދު އެބަހުރި ކަމަށެވެ. ވީއިރު މީޑިއާތަކަށް މިހާ ހަރުކަށި ޤާނޫނެއް ގެނައުމުގެ ބޭނުންތެރިކަމެއް އޮތްތޯ ޒިޔާދު ވަނީ ސުވާލު އުފައްދަވާފައެވެ.
ޒިޔާދު އިތުރަށް ވިދާޅުވީ، އޭނާއަކީވެސް މީޑިއާ ރެގިއުލޭޓު ކުރުމާ ދެކޮޅު މީހެއް ނޫން ކަމަށެވެ. އެހެންނަމަވެސް، މީޑިއާ ކޮންޓްރޯލް ކުރުމާ އޭނާ ދެކޮޅުކަން ޒިޔާދު ފާހަގަ ކުރެއްވިއެވެ.
މީޑިއާ ރެގިއުލޭޓް ކުރަންޖެހޭނެ، ކޮންޓްރޯލް ކުރުމާ އަޅުގަނޑު ދެކޮޅީ
ޒިޔާދު ވިދާޅުވީ މީހަކު ދައްކާ ވާހަކައަކީ އިސްލާމް ދީނުގެ އަސްލަކާއި ހިލާފު ނުވާ ވާހަކައެއްކަމަށްވާނަމަ، އެ ވާހަކައެއް ދެއްކެން ޖެހޭނެކަމަށެވެ. ސަރުކާރުގެ ފަރާތުން މަޖިލީހުގައި ތިބި މެންބަރުންނަށް ނުފޫޒު ފޯރުވާ މިންވަރު މިހާރުވެސް ސާފުވާކަމަށާއި، އެހެންކަމުން ކޮމިޝަނުގައި ތިބޭ މެންބަރުންނަށް ނުފޫޒާއި ނުލާ، މީޑިއާތަކުގެ މެދުގައި ފެންމަތިވާ މައްސަލަތައް ބެލޭނެކަމާއިމެދު އެއްވެސް ޔަގީންކަމެއް ނެތްކަމަށް ޒިޔާދު ވިދާޅުވިއެވެ.
މީގެ އިތުރުން، އަލަށް ވުޖޫދުކޮށްފައިވާ މީޑިއާ ގާނޫނާ މެދު ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށާއި، ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ ޖަމާޢަތްތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށް ޒިޔާދު ވިދާޅުވިއެވެ. މި ކަންބޮޑުވުންތަކަކީ ޖާއިޒު ޝަކުވާތަކެއްކަމަށާއި، މި ގާނޫނުގެ ސަބަބުން ކުރާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ސުވާލު އުފެދޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

