ވަގުތު ނަގަނީ މަޝްވަރާ ބައްދަލުވުންތައް ކުރިޔަށްދާތީކަމަށާއި، ރިޔާސީ އިންތިހާބުގެ ވައުދާއި އެއްގޮތަށް ރާއްޖޭގައި ރޯ މަސް ގަންނަ އެންމެ ދަށް އަގު 20 ރުފިޔާއަށް ހައްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު މިވަގުތު ހުންނެވީ މ. އަތޮޅުގަ އެވެ. އަދި މިއަދުގެ އެންމެ ފުރަތަމަ ރަށެއްގެ ގޮތުގައި ދިއްގަރަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ގިނަ ވައުދުތައްވެފައިވާ އިރު ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެކަންކަން ތަންފީޒު ކުރުމަށް ކަމަށެވެ.
ރަށުގެ އެންމެ އަސާސީ ހިދުމަތްތަކުން ފެށިގެން ގޮސް، އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިޔަށް ދާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އެކި ސަބަބުތަކާއި ހުރެ ބައެއް މަޝްރޫއުތައް ހުއްޓިފައި ހުރި ނަމަވެސް ރައީސް ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި އަމަލީ ގޮތުން ވަރަށް ގިނަ ކަންކަން ކުރިޔަށް ދާނެ ކަމަށެވެ.
ދިއްގަރަކީ މަސްވެރިކަމަށް މަޝްހޫރު ކުރިއަރާފައިވާ ރަށެއްކަމަށްވުމާއި އެކު ކަންބޮޑުވުންތައް ހުންނާނެކަން ގަބޫލު ކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ. ޖުމްލަކޮށް މުޅި ސިނާއަތް ކުރިއަރުވައި ހަރުދަނާ ކުރުމަށް މަސްވެރިންގެ އަޑު ގާތުން އަހައި، އެކަންކަން ހައްލު ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ
ވެރިކަމާއި ހަވާލުވީ އިރު ނުދެވި އޮތް 150 މިލިއަން ރުފިޔާގެ ބެކްލޮގް ކްލިއަރ ކުރުމަށް އަހަރެއް ނެގި ނަމަވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއްވެސް ދައްޗެއް ނެތި ފައިސާ ދޫކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވި އެވެ.
އިތުރު އެހެންކަމެއްގެ ގޮތުން ރައީސް އިއުލާނު ކުރެއްވީ އެމަނިކުފާނުގެ ރިޔާސީ ވައުދާއި އެއްގޮތަށް މަހުގެ އަގު 20 ރުފިޔާއަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެވޭ މަސައްކަތެވެ. އެމަނިކުފާނު ވިދާޅުވީ މި ވައުދު ފުއްދާނީ ހަމައެކަނި ނަމެއްގެ ގޮތުގައި ނޫން ކަމަށެވެ. ތަރުތީބު ކުރަން ޖެހޭ ކަންކަން ތަރުތީބު ކުރެވެމުން ދާއިރު، ސަރުކާރުން މި ސިޔާސަތު އިއުލާނު ކުރާނީ މެދުނުކެނޑި ކުރިޔަށްދާނެކަން ޔަގީންކޮށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންވީމަ މި ކަންކަން ހައްލު ކުރުމަށް ނެގި އަހަރެއްހާ ދުވަސް.. މިހާރު އެކަން ރަނގަޅު ކުރެވި މިއޮތީ ވައުދުވީ ގޮތަށް ކުރިޔަށް ގެންދެވޭތާ މިހާރު އަހަރެއްހާ ދުވަސް މިވަނީ.. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ.. ދެން އަޅުގަނޑުވީ އެންމެ މުހިންމު ވައުދު.. 20 ރުފިޔާގެ ވައުދު.. އެއީ ވެސް ހަމަ.. ސަސްޓެއިނަބަލްކޮށް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދަން ބޭނުންވާކަމެއް.. ހަމަ ނަމެއްގައި މާދަމާއިން ފެށިގެން 20 ރުފިޔާއޭ ބުނުމަކުން އަދި ކަމަކު ނުދޭ.. އެކަން ތަންފީޒު ކުރުމަށް ވަރަށް ގިނަ މަސައްކަތްތައް މިދަނީ ކުރަމުން.. އެއީ ވެސް ހަމަ އަޅުގަނޑުމެން ހާސިލު ކުރާނެ ކަމެއް.. އެހެންވީމަ ފުރަތަމަ ދުވަހު ކުއްލިއަކަށް ފަށައިގަނެވޭ ގޮތަށް ހުންނަ ކަންކަމެއް ނޫން ބައެއް ކަންތަކަކީ..
ރިޔާސީ އިންތިހާބުގެ ވައުދާއި އެއްގޮތަށް މަސް ގަންނަ އަގު 20 ރުފިޔާއަށް މަތިކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވި އެވެ. ރައީސް ވިދާޅުވީ އެކަން ތަންފީޒު ކުރުމަށް ކަމާއި ބެހޭ ފަރާތްތަކާއި މިފްކޯއާއި އެކު މަޝްވަރާ ބައްދަލުވުންތައް ކުރިޔަށްދާކަމަށެވެ. އަދި ކުއްލި ގޮތަކަށް އެއްވެސް ޕްލޭނެއް ނެތި ކަމެއް އިއުލާނު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ރައީސް ވިދާޅުވި އެވެ.
މި މަސައްކަތަށް ވަގުތު ނަގާތީ، ރައީސް ފާހަގަކުރެއްވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބެކްލޮގް އެއްކޮށް ކްލިއަރ ކުރުމަށް ނެގި އަހަރެއްހާ ދުވަހުގެ ވަގުތެވެ. އެހެންކަމުން މި މަސައްކަތަށް ވެސް ވަގުތު ނަގާފާނެކަމަށާއި، ރައްޔިތުން ސަރުކާރަށް އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
ރާއްޖޭގައި ރޯ މަސް ގަންނަ އެންމެ ދަށް އަގު 20 ރުފިޔާއަށް ހައްދަވާނެކަމަށް ރައީސް މުއިއްޒު އިއުލާނު ކުރެއްވީ ވެސް ދިއްގަރުގެ ކެމްޕެއިން ޖަލްސާގަ އެވެ.

