ސިޔާސީ މައިދާނުގައި މަސައްކަތް ކުރާ ސިޔާސީ މީހުން ގެންގުޅޭ ބަސްމަގަކީ ޤައުމެއްގެ ސިޔާސީ މައިދާނުގައި ބޭނުންކުރެވޭ ޚާއްޞަ ބަހުރުވައެކެވެ. މިއީ ވެރިކަން ހިންގުމާއި، ޤާނޫނު ހެދުމާއި، ރައްޔިތުންގެ މެދުގައި ސިޔާސީ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތެކެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި މިހާރު ބޭނުންކުރެވެމުންދާ ބަހުރުވައަކީ ގިނަ ފަހަރަށް އަދަބާ ޚިލާފު އަދި ހަޑިހުތުރު ބަސްތަކުން ފުރިގެންވާ، މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކާ ޚިލާފު އެއްޗަކަށް ވެފައިވާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. މިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރަމުންދެއެވެ.
ދިވެހިރާއްޖޭގައި ސިޔާސީ ބަސްމަގު ނުރަނގަޅު މަގަށް އެނބުރިގެން ދިޔުމުގެ ފެށުން އައީ 1970 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. ޚާއްޞަކޮށް ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ވެރިކަމުގެ ފުރަތަމަ ދުވަސްތަކުގައި، ކުރީގެ ރައީސް އިބްރާހިމް ނާޞިރަށް ނިސްބަތްކޮށް ހިންގުނު ކެމްޕޭނުތަކުގައި ބޭނުންކުރެވުނު ބަހުރުވައިން މި ކަން ފެށިގެން ދިޔައެވެ. މީގެ ތެރޭގައި އަދަބާ ޚިލާފު ކާޓޫނު ކުރެހުމާއި، އަސާސެއްނެތް ތުހުމަތުތައް ކުރުމާއި، އަބުރާ ބެހުން ފަދަ ކަންކަން ހިމެނެއެވެ. އެދުވަހު ބައެއް ފަރާތްތަކުން އެކަން ކުރީ ވަކި ސިޔާސީ މަޤްޞަދުތަކެއް ހާސިލުކުރުމަށް ކަމަށްވީ ނަމަވެސް، އެކަން ވެގެން ދިޔައީ ދިވެހި ސިޔާސީ މައިދާނުގައި ނޭދެވޭ އާދައެއް އަށަގަތުމުގެ ފެށުމަށެވެ. އެފެށުން މިއަދުވަނީ މުޅި ދިވެހި މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރުތައް ފޯރުވާފައެވެ.
މިއަދު ސިޔާސީ މައިދާނުގައި ބޭނުންކުރެވޭ ބަސްމަގަކީ އިސްލާމީ އަޚްލާޤާއި ދިވެހިންގެ އާދަކާދައާ އެއްގޮތަށް ބަލާއިރު އެކަށީގެންނުވާ ފެންވަރެއްގެ އެއްޗެކެވެ. ރައްޔިތުންގެ މަޖިލިސް ފަދަ މުހިންމު މުއައްސަސާތަކުގައިވެސް މިފަދަ ބަހުރުވަ ބޭނުންކުރެވެމުންދާކަމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ސިޔާސީ ވާދަވެރިކަން ބޮޑުވެ، ހަޤީޤީ މަސްރަޙު ސިފަކޮށްދިނުމުގެ ބަދަލުގައި، އޮޅުވާލުމާއި، ޙަޤީޤަތާ ޚިލާފު ވާހަކަ ދެއްކުމާއި، އަނެކާގެ އަބުރަށް އަރައިގަތުން ވެފައިވަނީ އާދައަކަށެވެ. މީގެ ސަބަބުން މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ދަށަށް ގޮސް، ރަނގަޅާއި ނުބައި ވަނީ ގިނަ ބަޔަކަށް އޮޅިފައެވެ. ކުދި ބޮޑު އެންމެންގެ މެދުގައި ވެސް ސިޔާސީ ވާހަކަ ދައްކާއިރު ނުރަނގަޅު ބަސްތައް ބޭނުންކުރުން ޢާންމުވެ، އެއީ ގޯސްކަމެއްކަމުގައި ނުދެކޭ ޙާލަތަކަށް ވަނީ ވާޞިލްވެފައެވެ.
ސިޔާސީ ބަސްމަގުގެ ނުރަނގަޅުކަމުގެ ސަބަބުން މުޖުތަމަޢަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ވަރަށް ގިނައެވެ. އެންމެ ފުރަތަމަ ކަމަކަށް، އިޖްތިމާޢީ ގުޅުންތައް ކެނޑި، މުސްލިމް އަޚުވަންތަކަން ގެއްލިގެންދެއެވެ. އާއިލާތަކުގެ މެދުގައި ނަފްރަތާއި ދެބަސްވުން އުފެދި، ޢާއިލާތައް ރޫޅި، އަދި އެކަކު އަނެކަކަށް އިޙްތިރާމް ކުޑަކޮށް މުޢާމަލާތްކުރުމަށް މަގުފަހިވެއެވެ. ޒުވާނުންގެ މެދުގައި އަދަބު އަޚްލާޤު ދަށްވެގެން ދިއުމަކީވެސް މިކަމުގެ ނަތީޖާއެކެވެ. ސިޔާސީ ވާދަވެރިކަން އިތުރުވެ، ޤައުމީ އެއްބައިވަންތަކަމަށް ބުރޫ އަރައެވެ. އެކަކު އަނެކަކާ ދިމާލަށް ފާޑުކިޔުމާއި، ޙަޤީޤަތާ ޚިލާފު ވާހަކަ ދެއްކުމާއި، ބަދުނާމުކުރުމުގެ ސަބަބުން، އިތުބާރު ގެއްލި، ޤައުމުގެ ތަރައްޤީއަށް ހުރަސްއެޅެއެވެ.
މި މައްސަލައަށް ޙައްލެއް ހޯދުމަކީ މިއަދު ކޮންމެހެން ކުރާން ޖެހިފައިވާ ކަމެކެވެ. މިކަމަށްޓަކައި އެޅިދާނެ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ޤާނޫނީ ހަރުދަނާ ނިޒާމެއް ޤާއިމުކުރަން ޖެހެއެވެ. އަސާސެއްނެތް ތުހުމަތުކުރުމާއި، އަބުރާ ބެހުމާއި، އަދަބާ ޚިލާފު ބަސް ބޭނުންކުރުމަށް ހަރުދަނާ ޤާނޫނީ ފިޔަވަޅުތައް އެޅަން ޖެހެއެވެ. އެކަށީގެންވާ އަދަބުތައް ކަނޑައެޅުމަކީ މިއަދު ނުކޮށް ދޭކޮށްލެވެން ނެތް ކަމެކެވެ. ސިޔާސީ މަސައްކަތްތެރިން އަދި މީޑިއާގެ ފަރާތްތަކުން ވެސް މިފަދަ އަމަލުތަކަށް އަރައިގަންނަ ފަރާތްތަކަށް އެކަށީގެންވާ އަދަބުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ކުރަން ޖެހޭނެ ކަމެކެވެ.
އިސްލާމީ އަޚްލާޤީ މިންގަނޑުތައް ދިރުވަން ޖެހެއެވެ. މުޖުތަމަޢުގައި އިސްލާމީ އަޚްލާޤީ ރިވެތި އާދަތައް ދިރުވައި، ތަރުބިއްޔަތު ކުރުމަށް ސަމާލުކަން ދިނުމެވެ. އަދަބާ ޚިލާފު ބަސް ބޭނުންކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫންކަން އަންގައިދޭން ޖެހެއެވެ. ސިޔާސީ ޕާޓީތަކުން އަމިއްލަ އުޞޫލުތަކެއް ކަނޑައެޅަން ޖެހެއެވެ. ސިޔާސީ ޕާޓީތަކުން އަމިއްލައަށް އެބައިމީހުންގެ މެންބަރުންނަށް ސުލޫކީ މިންގަނޑުތަކެއް ކަނޑައަޅައި، އެއާ އެއްގޮތަށް ޢަމަލުކުރުމަށް ބާރު އެޅުމަކީ މިއަދު ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.
ގަބޫލލު ކުރަން ޖެހޭ ހަގީގަތަކީ ސިޔާސީ ބަސްމަގަކީ ޤައުމީ ވިސްނުމާއި ފިކުރު ބިނާކުރުމަށް ބޭނުންކުރެވޭ މުހިންމު ވަސީލަތެއް ކެމެވެ. އެހެންކަމުން، ސިޔާސީ ބަސްމަގު ސާފުކޮށް، ރީތިކޮށް، އަދި އިޙްތިރާމާއެކު ބޭނުންކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ، ޚާއްޞަކޮށް ސިޔާސީ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ. މިނިވަންކަމުގެ ނަމުގައި އަދަބާ ޚިލާފު އަދި ނުރަނގަޅު ބަސް ބޭނުންކުރުމަކީ އިސްލާމީ އަދި އަޚްލާޤީ މިންގަނޑުތަކާ ޚިލާފު ކަމެކެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އެއްބައިވަންތަކަމަށް ބުރޫއަރައި، ދިވެހި މުޖުތަމަޢުގެ އަސްލު ރީތިކަން ނެތިގެން ދެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުކަންދީ، ބަހުގެ ރީތިކަމާއި އަޚްލާޤީ މިންގަނޑުތައް ދިރުވުމަށް މަސައްކަތްކުރުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެކެވެ.
މީގެ އިތުރުން: މީޑިއާގެ ޒިންމާދާރުކަން އިތުރުކުރުނުވަން ޖެހެއެވެ. މީޑިއާ ވަސީލަތްތަކުން ޒިންމާދާރު ގޮތެއްގައި މަޢުލޫމާތު ފެތުރުމަށާއި، އަދަބާ ޚިލާފު ބަސްތަކާއި ނުރަނގަޅު ވާހަކަތައް ނުފެތުރުމަށް ސަމާލުކަން ދިނުން މުހިންމެވެ.
އަޅުގަނޑުގެ ހިޔާލުގައި ސިޔާސީ މީހުންގެ ސިޔާސީ ބަސްމަގު ރަނގަޅު ކުރުމަކީ އެއްފަހަރުން ކުރެވޭނެ ކަމެއް ނޫނެވެ. މިއީ ދިގު މުއްދަތެއްގެ މަސައްކަތަކަށް ވާނެއެވެ. ނަމަވެސް، މިކަމަށް މުޅި މުޖުތަމަޢުގެ ސަމާލުކަން ދީ، އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙު މިހާރަށްވުރެ ރީތިވެ، ހަރުދަނާވެ، އަދި އިޙްތިރާމާއެކު ބަހުސްކުރެވޭ ތަނަކަށް ހެދުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

