ބޯޅަތަކެއް އުކަމުން 10 ކިލޯމީޓަރުގެ ދުވުމުގެ ރޭސް އެންމެ ފުރަތަމަ ފުރިހަމަ ކޮށްގެން ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ކެނެޑާގެ މަޝްހޫރު މެރެތަން ޖޮގްލަރ، މިކަލް ކެޕްރަލްގެ އިތުރު ރެކޯޑުތަކެއް މުގުރާލުމުގެ އިވެންޓްތަކެއް ރާއްޖޭގައި ބާއްވަން ހަމަޖައްސައިފިއެވެ.
އެމްއެމްޕީއާރްސީން މި އިވެންޓް ބާއްވާނީ ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އިން އައްޑޫ ސިޓީގައި ބާއްވާ “ރަން އިން އައްޑޫ” ދުވުމުގެ ތެރެއިންނެވެ. އެގޮތުން ފުރަތަމަ އިވެންޓް، އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮންނާނީ އައްޑޫ ސިޓީގައެވެ.
އެއީ ޓޯޓަލް ފިޓްނެސް ގްރޫޕް(ޓީއެފްޖީ)އިން ބާއްވާ “ކޮކާކޯލާ ރަން އިން އައްޑޫ” އިވެންޓުގައި ހަތަރު ބޯޅަ “ޖަގްލް” ކުރަމުން، މިކަލް ކެޕްރަލް 10 ކިލޯ މީޓަރުގެ މެރެތަންއެއް ފުރިހަމަކޮށްގެން ޖިނިސް ވޯލްޑް ރިކޯޑު ފޮތުން ޖާގަ ހޯދުމަށް ބާއްވާ އިވެންޓެކެވެ.
އެ އިވެންޓަށްފަހު، އަންނަ މަހުގެ 11 ވަަނަ ދުވަހު، ތިން ބޯޅަ ބޭނުންކޮށްގެން ސިޑިން އެރުމުގެ އިވެންޓް އޮންނާނެއެވެ. އެ އިވެންޓުގައި މިކަލް މަސައްކަތް ކުރާނީ 1800 ސްޓެޕް ފުރިހަމަ ކޮށްގެން ރިކޯޑު ހަދާށެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، މިއީ ސްޕޯޓްސް ޓޫރިޒަމާއި މައިސް ޓޫރިޒަމް ފުޅާކުރުމަށް ހިންގާ މުހިއްމު ހަރަކާތެއް ކަމަށެވެ. މީގެ އިތުރުން، ކެނެޑާގައި މަޝްހޫރު މީހެއްގެ ރެކޯޑް ބްރޭކިން އިވެންޓެއް ރާއްޖޭގައި ބޭއްވުމަކީ އެގައުމުން އަންނަ 0.7 އިންސައްތަ ފަތުރުވެރިންގެ ނިސްބަތް އިތުރު ކުރެވިގެންދާނެ ކަމެއް ކަމުގައިވެސް ތޮއްޔިބު ވިދާޅުވިއެވެ.
މިކަލް 10 ކިލޯ މީޓަރަށް ދުވާއިރު، ބޯޅައެއް ވެއްޓިއްޖެ ނަމަ، އެބޯޅަ ވެއްޓުނު ހިސާބުން އަނެއްކާ ދުވަން ފަށާނެ އެވެ. މިއީ ދުނިޔޭގައި ވެސް ހަތަރު ބޯޅަ އިން ޖަގްލް ކުރަމުން 10 ކިލޯ މީޓަރަށް ދުވާ ފުރަތަމަ ފަހަރެވެ.