ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިތުރު ރަހުނަކާ ނުލައި ތިން މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިކަން ހާމަކުރައްވާފައިވަނީ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ގުރައިދޫގައި އޮތް ޖަލްސާގެ ތެރެއިންނެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް، ހާއްސަކޮށް އާބާދީ ބޮޑެތި ރަށްރަށުގައި ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ބޮޑު އިސްލަމެއް ދޭކަމަށެވެ. އެގޮތުން، ލޯނު ސްކީމްތައް ތައާރަފު ކުރުމާއި އެކު، ގެދޮރު އެޅުމުގެ މަޝްރޫއުތައް ސަރުކާރުން ކުރިޔަށް ގެންދަން ފަށާފައިވާކަމަށް ވިދާޅުވި އެވެ.
އިތުރު ރަހުނު ނުބަހައްޓައި، އެއް މިލިއަން ރުފިޔާއާއި ހަމައަށް ހައުސިން ލޯނު ދޫކުރަން ބީއެމްއެލް ފެށީ މިދިޔަ އަހަރުގެ މޭއި މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެ އަދަދު މި އަހަރުގެ ފެބްރުއަރީގައި ސިޓީތަކަށް ހާއްސަކޮށްގެން ދެ މިލިއަން ރުފިޔާއަށް ބޮޑު ކުރި އެވެ. އެކަން ފާހަގަކޮށް ރައީސް ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ވަކި ރަށެއް ނުބަލައި، އިތުރު ރަހުނަކާ ނުލައި ގެދޮރު ބިނާކުރުމަށް ތިން މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް މީގެ ދެ ދުވަސް ކުރީން ބީއެމްއެލްގެ ބޯޑުން ނިިންމާފައިވާކަމަށެވެ.
އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު ބޭންކުން ނިންމާފައި ވަނީ، ރާއްޖޭގެ ހަމަ ހުރިހާ ރަށެއްގައިވެސް ވަކި ރަށެއް ނުބަލައި… ހަމަ އެކަނި ސިޓީތަކެއް ނޫން، ހުރިހާ ރަށެއްގެ ރައްޔިތުން ވެސް އެއްވެސް އިތުރު ރަހުނެއް ނުބަހައްޓައި ގެދޮރު ބިނާކުރުމަށް ތިން މިލިއަން ރުފިޔާ އާ ހަމައަށް ބޭންކުން ލޯނު ދޫކުރަން ފަށާނެ… އެކަމުގެ ނިންމުން މިހާރު މީގެ ދެދުވަހެއްގެ ކުރިން، ބޭންކުގެ ބޯޑުން ވާނީ ނިންމާފައި… އެހެންވީމާ.. މި ލޯނުތަކަށް އެޕްލައި ކުރަން ބޭންކުން ވަރަށް އަވަހަށް ފުރުސަތު ހުޅުވާލާނެ.. ތިން މިލިއަން ރުފިޔާއާ ހަމައަށް ރަހުނެއް ނުބަހައްޓައި ލޯނު ނެގުމަކީ، ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމެއް…
ރައީސް ވިދާޅުވި ގޮތުގައި މި ލޯނު ސްކީމްގެ ދަށުން ނަގާ ލޯނު އަނބުރާ ދެއްކުމަށް އެންމެ ގިނަވެގެން 20 އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އަދި ވިދާޅުވީ ތިން މިލިއަން ރުފިޔާއާ ހަމައަށް ރަހުނެއް ނުބަހައްޓައި ލޯނު ނެގުގެ ސަބަބުން ގެދޮރުވެރިވުމަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. ކަމަށެވެ.
މީގެ އިތުރުން، ސަރުކާރުން މި އަހަރު އަލަށް ތައާރަފު ކުރި ފަސް ޕަސެންޓު އިންޓްރަސްޓުގެ ލޯނު ސްކީމްގެ ބައެއް ތަފްސީލުތައް ވެސް ރައީސް ދެއްވި އެވެ. މި ސްކީމް ކޮންމެ އަހަރަކު ކުރިއަށްދާނެކަމަށް ހާމަކުރައްއި، ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތަކަށް ވެސް މި ސްކީމަށް އެދި ހުށަހަޅައި، ފުރުސަތު އޮތް މިންވަރަކުން ލޯނު ހޯދޭނެ ކަމަށެވެ.

